Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މާލޭގައި ނެތް މޮނީޓަރިންނެއް އައްޑޫގައި ބާއްވަންޖެހޭ ސަބަބެއް ނެތް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު ވެސް މާލެ މޮނީޓަރިންގައި ނުބާއްވާ، އައްޑޫ ސިޓީ މޮނީޓަރިންގައި ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ކޮވިޑާއި ގުޅިގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ. ކާފިއުގެ އިތުރުން ވެސް ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އައްޑޫގައި ވަނީ އަޅާފައެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އައްޑޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

އިއްޔެ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫ މޮނީޓަރިން ހާލަތުން ނަގައިދޭން މީގެ ދެ ހަފްތާ ކުރިން އެޗްޕީއޭގައި އެދިފައިވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބައްޔާއެކު އުޅެން ރައްޔިތުންނަށް މިހާރު އިނގޭ ކަމަށެވެ.

އައްޑޫ އިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ ގޮތަށް މާލެ އިން ވެސް މީހުން އެ ބައްޔަށް ޕޮޒިޓިވްވާ ކަމަށާއި ނަމަވެސް މާލެ މޮނީޓަރިން ހާލަތުގައި ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މާލޭގައި ނެތް މޮނީޓަރިންނެއް އައްޑޫގައި ބާއްވަންޖެހޭ ސަބަބެއް ނުވިސްނޭ" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ 90 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށާއި އަދި ސްކޫލްތަކުގެ ދަރިވަރުންގެ 99 ޕަސެންޓް ދަރިވަރުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އަދި އައްޑޫ މޮނީޓަރިން ހާލަތުން ނަގައިދިނުމަށް އެދި ނައިބު ރައީސް އާއި ހެލްތު މިނިސްޓަރުގެ އިތުރުން ޑިރެކްޓަރ ޖެނެރަލާއި ވެސް މަޝްވަރާކުރެއްވި ކަމަށާއި އުއްމީދަކީ ވަރަށް އަވަހަށް ރައްޔިތުންނަށް މިހާރު އަޅާފައިވާ ހުރި ފިޔަވަޅުތަކުން ލުޔެއް ލިބިގެންދިޔުން ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.