Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޗެތުރީ، ޕެލޭގެ ލަނޑު ޖެހުމުގެ ރިކޯޑެއް މުގުރާލައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ ކޮޅަށް އިންޑިއާގެ ފޯވާޑް ސުނިލް ޗެތްރީ ޖެހި ދެ ގޯލާއެކު އޭނާ ބްރެޒިލްގެ ލެެޖެންޑް ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑެއް މުގުރާލައިފި އެވެ.

އެގޮތުން ޗެތުރީ މުގުރާލާފައިވަނީ ބައިނަލްއަގްވާމީ މެޗުތަކުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ހަދާފައިވާ ރިކޯޑެކެވެ. ޕެލޭ އެ ރިކޯޑު ހަދާފައިވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ކާމިޔާބުކޮށްގެންނެވެ. ރެޔާ ހަމައަށް ޗެތުރީ އާއި ޕެލޭ އޮތީ ލަނޑު ލިސްޓުގައި އެއްވަރެއްގައެވެ.

ނަމަވެސް ރޭ ރާއްޖޭގެ މައްޗަށް 3-1 އިން އިންޑިއާ ކުރި ހޯދި މެޗުގައި ޗެތުރީ ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ އިންޑިއާގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 79 އަށް އަރާފައެވެ. އެއާއެކު ޗެތުރީ މިހާރު ވަނީ ޕެލޭ ފަހަތަށް ޖައްސާލައ ލަނޑު ލިސްޓުގެ ހަވަނަ އަށް އަރާފައެވެ.

މި ލިސްޓުގައި މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ޗެތުރީ އަށް ވުރެ ގިނައިން ގޯލު ޖަހާފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ ވަނީ 80 ގޯލު ޖަހާފައެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ރޮނާލްޑޯ ވަނީ 115 ގޯލު ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ޗެތުރީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. ރޭގެ މެޗުން އިންޑިއާ މޮޅުވުމުން އެޓީމު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލްގައި އަންނަ ހޮނިހިރު ދުވަހުގެރޭ އިންޑިއާ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.