Last Updated: April 20, 14:49
Saturday, April 20, 2024
ވިޔަފާރި

އިމްޕޯޓް އިތުރުވެ އާމްދަނީ އިތުރުވެއްޖެ

ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދާ ވަރަށް ބޮޑަށް އިތުރުވެ ދައުލަަތަށް ލިބުނު އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް 1.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 90 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އާއި އިންޑިއާ އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 378 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 328 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 13 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 42 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 137 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 281 މިލިއަން ރުފިޔާއެވެ.