Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބޮޑު ހިޔާނާތުގައި ހިމެނޭ އެންމެނަށް ދައުވާކޮށް ގެއްލިފައިވާ ފައިސާ ހޯދުމަށް ގޮވާލައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ އެންމެނަށް ދައުވާކޮށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާއިރު، އެ ފަރާތްތަށް ފިޔަވަޅު އަޅަންދެން މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ރައީސް އޮފީހުން އަމަލުކުރަމުން އަންނަ އާ އުސޫލުގެދަށުން، ތުހުމަތުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ ޕީޖީން ދައުވާކުރުމުން ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

"މިއާ އުސޫލުގެ ދަށުން، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު، ޕްރިސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާ، މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، އަހުމަދު މަހުލޫފްގެ ސަސްޕެންޝަން އުވާލާ އަނބުރާ އޮފީހަށް ނިކުތުމަށްވެސް ވަނީ އަންގާފައެވެ." ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެއެވެ.

ޓްރާންސްޕޭރެންސީން ބުނެފައިވަނީ، ރައީސް އޮފީހުން އަލަށް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ތުހުމަތުކުރެވޭ ފަރާތްތައް މަގާމުގައި ދެމިތިބުމަކީ، މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ތަހުގީގަށް އަސަރުފޯރުވުމާއި ހެކި ނައްތާލުންފަދަ ކަންކަން ކުރުމަށް މަގުފަހިކުރުވާނެކަމެއްކަމަށެވެ. މީގެ އިތުރުން ހާމަކަމެއް ނެތްގޮތެއްގައި އެކުލަވާލެވޭ މިފަދަ އުސޫލުތަކަކީ، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ނޭދެވޭ އަސަރެއް ކުރާނެކަމެއްކަމަށާއި، އެއީ ވަކި ނިޒާމެއްގެ މައްޗަށް ބިނާކުރުމެއްނެތި މިފަދަ ކަންކަން ކުރުމަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި އެފަދަ ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހި، އެކަންކަމާ ދެކޮޅަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާތަން ރައްޔިތުންނަށް ނުދެއްކި މައްސަލަތައް ދިގުލަމުންދާ އިރެއްގައި، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅުނާޅާ ދޫކޮށްލުމަކީ، ކޮރަޕްޝަންއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އިތުބާރު އިތުރަށް ކުޑަވެގެންދާނެ ކަމެއްކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

މި ނޫސްބަޔާނުގައި ޓްރާންސްޕޭރެންސީން ވަނީ، ކޮރަޕްޝަންގެ މައްސަލަތަކުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމުތަކާއި، އުސޫލުތައް އަވަހަށް އެކުލަވާލާ، އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެހެން ހާމަކުރުމަށް ގޮވާލާފައެވެ. އަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި، އަދި އެހެން ކޮރަޕްޝަނާއި ގުޅިފައިވާ މައްސަކަތުގައި ތަހުގީގުތައް ހަލުވިދުވެލީގައި ކުރިއަށް ގެންގޮސް، ދައުވާކުރުމަށް ލަސްނުކޮށް ފޮނުވައި، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ތަންފީޒު ކުރުމަށްވެސް ގޮވާލާފައިވެއެވެ. މީގެއިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާއި މުދާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އެމުދަލާއި ފައިސާ އަނބުރާ ހޯދުމަށްވެސް ގޮވާލާފައިވެއެވެ.