Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އައްޔަނުކުރަން ކޮމިޓީން ނިންމައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)ގެ ރައީސް ކަމަށް މަރްޔަމް މުނާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސް އަދި ނައިބު ރައީސްކަމަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ރައީސް ފޮނުވި ނަންތައް ފާސްކުރުމަށެވެ. އެގޮތުން އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އައްޔަނު ކުރުމަށް ފާސްކުރިއިރު، ނައިބު ރައީސް ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނި ޑރ. އަހުމަދު އަދުހަމް އަބްދުﷲއެވެ.

މުނާއަކީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ފަރާތެކެވެ. މުނާ މީގެ ކުރިން ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ވެސް ފުރުއްވާފައެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމަށް އައްޔަނުކުރަން ކޮމިޓީން ފާސްކޮށްފައިވާ ޑރ. އަދުހަމް، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އަޙްމަދު އަދުހަމަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.