Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރުމަށް އަންގައިފި

މާރިޔާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެމްއެންޑީއެފް

އުތުރުތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރ ގެ އޮފީހުން އަންގައިފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތުތައް ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ގޮތެއް ނިންމުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ، މި މައްސަލައިގައި އެމްއެންޑީއެފުން ބޭއްވި ޕްރެސް ބްރީފިންއެއްގައިވެސް މީގެން ބައެއް މައުލޫމާތުތައް ހާމަކޮށްފައިވާކަމަށެވެ.

މީގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ނުހިމެނޭކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ހަތް ދުވަހުގެ ތެރޭގައި ހާމަކުރުމަށްވެސް އަންގާފައިވެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ތެރެއިން ހޯދުމަށް އެދިފައިވާ މައުލުމާތުތަކަކީ، އެ މަސައްކަތަށް އަންނަ ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ، އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު، އަންނަ ޓެކްނިކަލް މީހުން ތިބޭނެ އަދަދު، އަންނަ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އެކަމުގެ ތަފްސީލް، އެކޮމެޑޭޝަނާއި ކެއުންބުއިން އަދި އެހެނިހެން ހަރަދުތަކުގެ ތަފްސީލްގެ އިތުރުން އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލެވެ.

އުތުރުތިލަފަޅު އެއްބަސްވުމުކީ އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމެކެވެ. އެކަމުގައި އިދިކޮޅުން ނުރުހުން ފާޅުކުރަމުން އަންނައިރު، އެ އެއްބަސްވުން ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހުށަހަޅާފައިވެއެވެ. އަދި އެ އެއްބަސްވުން ހިއްސާކުރުމަށް މަޖިލީހުން މިހާރުވަނީ ޑިފެންސް މިނިސްޓްރީގައި އެދިފައެވެ.