Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައްޑޫ ފްލައިން ސްކޫލް ހިންގަން އައިލެންޑް އޭވިއެޝަނާއި ޤައުމީ ޔުނިވާރސިޓީގެ ޖޮއިންޓް ވެންޗަރއެއް

ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ - މޯލްޑިވިއަން

އައްޑޫސިޓީ ގަމުގައި އޭއޭއޭއިން މީގެ ކުރިން ހިންގަމުން އައި ފްލައިން ސްކޫލް ހިންގަން އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކުންފުންޏެއް ހަދަން ނިންމައިފިއެވެ.

މިއަދު ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު މިހާދެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައި.އޭ.އެސް)ގެ 100 އިންސައްތަ ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެއް އުފައްދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން އައި.އޭ.އެސްގެ މެނޭޖިންގ ޑިރެކްޓަރު މިހާދު ވިދާޅުވީ، ފްލައިން ސްކޫލް މެނޭޖުކުރުމަށް އޯޕަން ބިޑަކުން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއެއް ހޮވިފައިވާކަމަށެވެ. އަދި އަމާޒަކީ މި ސަރަހައްދާއި، މި ސަރަހައްދުން ބޭރުގެ ދަރިވަރުންވެސް ތަމްރީނުކުރުން ކަމަށް މިހާދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އެމް.އެން.ޔޫގެ ޑީވީސީ ޑރ.މުހައްމަދު ޝަރީފު ވިދާޅުވީ، އޭއޭއޭ ހިންގިއިރު އެތަނުން ކިޔަވަން ފެށި ދަރިވަރުންގެ ކިޔެވުން ހުއްޓިފައި އޮތުމާއެކު އެ ދަރިވަރުންނަށް ފަސޭހަ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން މި ފްލައިން ސްކޫލް މެނޭޖްކުރަން ހަވާލުކުރާ ޗެކް ރިޕަބްލިކްގެ ސްކޫލަކީ ތަޖުރިބާކާރު ބައެއްކަމަށް ޑރ.މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ފްލައިން ސްކޫލް ހުޅުވުމާއެކު ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދެވޭނެއިރު، މުސްތަގުބަލުގައި އަހަރަކު 80 ދަރިވަރުންނަށް ފުރުސަތު ދެވޭނެކަމަށް އެ ދެ ފަރާތުން މައުލޫމާތު ދެއްވައެވެ.