Last Updated: July 3, 09:30
Thursday, July 3, 2025
ޚަބަރު

އޮމަދޫ ކައުންސިލަށް ފުރަތަމަ ފަހަރަށް ރައީސަކާ ބައްދަލުކުރެވިއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އދ.އޮމަދޫ ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ މިއީ އެ ކައުންސިލްގެ ތާރީޚުގައިވެސް ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުޞަތުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި، ރަށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ޚިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ޞިއްޚީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ރައީސް ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ޞިއްޙީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާ ކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ.