Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ވިޔަފާރިވެރިޔާގެ މަރު: ފުލުހުންގެ ހާއްސަ ޓީމެއް ދަނގެތި އަށް

އދ. ދަނގެތީގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ދިޔުމަށް ނިންމައިފިއެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. އޭނާ ފެނިފައިވަނީ ގޯންޏަކަށްލާ ވަޅަކަށް އެއްލާލާފައިވަނިކޮށެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ދަތުރުކުރަމުންދާ ކަމަށާއި ހާއްސަ އިސްކަމެއް ދީގެން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމިހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ދަނގެތީ މިވަގުތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން އެބަ ތިއްބެވެ.