Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ދަނޑުވެރިންގެ ދުވަހަށް ރައީސް ކަނޑޫދޫ އަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ.ކަނޑޫދޫއަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑޫދޫ ގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހަކީ ގައުމީ ދަނޑުވެރިންގެ ދުވަސްކަމުގައި ރައީސް ސޯލިހު ހަމަޖެއްސެވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިއީ އޭގެ ފަހުން ފާހަގަ ކުރާ ފުރަތަމަ ދަނޑުވެރިންގެ ދުވަހެވެ.

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިޤްތިޞާދުގައި ޙިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ ޢުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުން ހިމެނެއެވެ.