Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ތިން ހާހަށްވުރެ ގިނަ ވަގު ޓިކެޓް، ހުއްޓުވާނެ ބަޔަކު ނެތް؟

އިންޑިއާއާއި ރާއްޖެ ރޭ ބައްދަލުކުރި މެޗު ބަލަން ޓިކެޓް ނަގަން އެތައް ބަޔަކު ރޭގަނޑުގެ ނިދި ނަގައިލާ ޓިކެޓް ކިޔޫގައި ތިއްބެވެ. އެތައް ބަޔަކު އަށްގަޑިއިރަށްވުރެ ގިނައިރު ވަންދެން ކިޔޫގައި ތިބެ ޓިކެޓް ނެގިއެވެ.

ކަޅު ބާޒާރުގައި 500 ރުފިޔާއަށް، 1000 ރުފިޔާއަށް ޓިކެޓު ގަނެގެން ވެސް މީހުން ދަނޑަށް ވަނެވެ. އަދި އެއަށްވުރެ އަގުބޮޑުކޮށް ވެސް ގިނަ ބަޔަކު ވަނީ ޓިކެޓް ގަނެފައެވެ.

ސަޕޯޓަރުންނަށް އެފްއޭއެމުން ވިއްކީ 3000 ޓިކެޓެވެ. ޓިކެޓް ވިއްކަން ފެށިތާ ހަތަރު ގަޑިއިރު ވެސް ނުވެ ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ. އަދި އެކަމާ ގިނަ ބަޔަކު ޓިކެޓް ވިއްކި، ސޯޝަލް ސެންޓަރު ސަރަހައްދުގައި އަޑު ވެސް އުފުލިއެވެ.

އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗު ބަލަން ސަޕޯޓަރުންތަކެއް ވަންނަނީ

ކޮވިޑާ ގުޅިގެން ގަލޮޅު ދަނޑުގެ ކެޕޭސިޓީއަކީ މިހާރު 5000 މީހުންނެވެ. އެހާ ބޮޑަށް ވަދެވޭ އަދަދު ދަށަށް ގޮސްފައިވަނީ ދަނޑުގެ ދެކުނު ފަރާތަށް މީހުންނަށް ނުވަދެވޭތީއާ ވެސް އެކުގައެވެ.

ތާރީހަށް ބަލާއިރު މީގެ ކުރިން ރަސްމީ ދަނޑަށް ތޭރަ ހާސް މީހުން ވެސް ވަދެފައި ވާކަން އެނގެން އެބަހުއްޓެވެ. އެއީ އެތަނުގައި ސީޓުތައް ވަކިކުރުމުގެ ކުރިންނެވެ.

ގަލޮޅު ދަނޑުގެ ކެޕޭސިޓީއަކީ 5000 މީހުން ކަމުގައި ވިޔަސް އެއަށްވުރެ މާ ގިނައިން ރޭގައި މީހުން ދަނޑަށް ވަދެފައިވެއެވެ. އެގޮތުން އަށް ހާހަށްވުރެ ގިނަ މީހުން ރޭ ދަނޑަށް ވަދެެފައިވެއެވެ.

އިއްޔެ މާލެ ތެރޭގައި އެތައް ވަގު ޓިކެޓެއް ވަނީ ދައުރުވެފައެވެ. އަދި ރޭގައި ވަގު ޓިކެޓް ހިފައިގެން ދަނޑަށް ވަންނަން ދިޔަ އެތައް ބަޔަކު އަނބުރާ ފޮނުވައިލައިފައި ވެސް ވެއެވެ.

ވަގު ޓިކެޓްގައި އައި ބައެއް މީހުން ފޮނުވާލި ނަމަވެސް، އެތައް ބަޔަކު ދަނޑަށް ވަގު ޓިކެޓްގައި ވަދެފައި ވެސްވެއެވެ. ސުވާލަކީ އެކަން ހުއްޓުވާނެ ބަޔަކު ނެތީތޯއެވެ. އެކަން އެނގޭ ބަޔަކު ނެތީތޯއެވެ. ވަގު ޓިކެޓް ދައުރުވީއިރު ކަމާބެހޭ އިދާރާއަކަށް އެކަމުގެ ހިލަމެއް ވެސް ނުވީތޯއެވެ.

ރޭ ގަލޮޅު ދަނޑު އޮތީ ފުރައިލައިފައެވެ. ގައުމީ ޓީމަށް ހިތްވަރުދިނުމުގެ އަޑުން މުޅި ދަނޑު ގުގުމައިލިއެވެ. އެހެން ނަމަވެސް ވަގު ޓިކެޓު ހެދުމަކީ ރަނގަޅު ސަގާފަތެއް ނޫނެވެ.

ގައުމީ ޓީމަށް ސަޕޯޓު ކުރަން ވެސް ވައްކަން ކުރާކަށް ނުވާނެއެވެ. އަދި އެކަން ކުރަން ފުރުސަތު ދިނުމަކީ ވެސް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.