Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަހުމޫދުގެ މަރު: ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް!

މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު

އދ. ދަނގެތީގައި މަރާލާފައި އޮއްވާ މިއަދު ފެނުނު މީހާގެ ބޮލަށާއި ކަރަށް ވަޅީގެ އެތައް ހަމަލާއެއް ދީފައިވާކަން އެނގިއްޖެއެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. އޭނާ ފެނިފައިވަނީ ގޯންޏަކަށްލާ ވަޅަކަށް އެއްލާލާފައިވަނިކޮށެވެ.

ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު ބުނީ މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.

މަހުމޫދުގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ހިނަވާގޭގައި ކަމަށާއި ހަށިގަނޑަށް ދީފައިވާ ހަމަލާތައް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށްވެސް އެ ފަރާތުން ބުންޏެވެ. އެގޮތުން ހިނަވާ ގެއަށް އާއިލާ މީހުން ވެއްދި ނަމަވެސް އާންމުންނަށް މިވަގުތު ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ.

"އެކްސްރޭތަކެއް ހެދުމަށް ކްލިނިކަށް ގެންދަން މިހާރު ތައްޔާރުވަމުންދަނީ. އެއަށްފަހު އިތުރު ޓެސްޓު ހަދަން ޖެހޭނަމަ މާލެ ވެސް ގެންދާނެ ކަމަށް މައުލޫމާތު ލިބޭ" އެ ފަރާތުން ބުންޏެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދު ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ދަނގެތީ މިވަގުތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން އެބަ ތިއްބެވެ.