Last Updated: December 2, 22:38
Thursday, December 2, 2021
ރިޕޯޓް

ދުނިޔޭގެ އެއް ވަނައިގައިި ރާއްޖެއިން އެންމެ ގިނައީ އައްޑޫ ހައި ސްކޫލުގެ ދަރިވަރުން، ފަހްރުވެރި ބޮޑު ކާމިޔާބީއެއް

ދުނިޔޭގެ އެއްވަނަގައި ހިމެނުން އައްޑޫ ހައިސްކޫލް ދަރިވަރުން

މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގެ އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނުނެވެ. މިއީ މުޅި ރާއްޖެއަށް ލިބުނު ފަހްރެކެވެ. މި ކާމިޔާބީގައި އެންމެ ބޮޑު ފަހްރަކާ އުފަލެއް އިހްސާސް ކުރެވޭނެ ބަޔަކީ އައްޑޫ ސިޓީ ރައްޔިތުންނެވެ. އަތޮޅު ތެރޭގައި، އަމިއްލަ ރަށުގައި ތިބެ ކިޔަވައިގެން ނެރުނު ނަތީޖާ އެންމެން ކުރިމަތީ އެ އޮތީ ފެންނާށެވެ. އައްޑޫ ހައި ސްކޫލް މި ފަހަރު ވެގެން ދިޔައީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ތެރެއިން ދުނިޔޭގެ އެއްް ވަނަގައި އެންމެ ގިނަ ކުދިން ހިމެނުން ސްކޫލަށެވެ.

2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި، މާލޭގެ މަޝްހޫރު ބޮޑެތި ސްކޫލްތަކަށް ގޮށްޖަހާލާ އައްޑޫ ހައި ސްކޫލުން ނެރުނު ނަތީޖާ އެހެން އެއްވެސް ސްކޫލަކަށް ނުނެރެވުނެވެ.

ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުން:ގިނައީ އައްޑޫ ހައި ސްކޫލް ދަރިވަރުން

ދުނިޔެ އިން އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް މެޑަލް އާއި އެވޯޑު ހަވާލު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުކޮށް ދެއްވަމުން ގެންދެވިއިރު އެ އުފާވެރިކަމުގެ އިހްސާސް އައްޑޫގެ ކޮންމެ ރައްޔިތަކަށް އަދި ސްކޫލަކަށް ކުރެވޭނެ އެވެ.

ދުނިޔޭގެ އެއްވަނައިގައި ހިމެނުނު އައްޑޫ ހައި ސްކޫލް ދަރިވަރުން:

– އަހުމަދު ހިޒާމް ހަލީމް، އައްޑޫ ހައި ސްކޫލު (ބިޒްނަސް)
– މަރިޔަމް ލަޔާލީ މުހައްމަދު، އައްޑޫ ހައި ސްކޫލު (އެކައުންޓިން)
– މައިހާ ހަސަން، އައްޑޫ ހައި ސްކޫލު (އެކައުންޓިން)

އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނަ އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ހޯދިއިރު މުޅި ރާއްޖެއިން އޭލެވެލްގެ ގަދަ ދިހައެއްގައިވެސް އައްޑޫ ހައި ސްކޫލްގެ ގިނަ ދަރިވަރުންތަކެއް ހިމެނުނެވެ. އެގޮތުން މުޅި ރާއްޖެއިން އެއް ހޮވި ގަދަ ދިހައެއްގައި އެ ސްކޫލްގެ 21 ކުދިން ހިމެނުނެވެ.

ޓީޗަރުންގެ ބުރަ މަސައްކަތް

  • މީގެ ކުރީ އަހަރު ތަކުގައިވެސް އައްޑޫ ހައި ސްކޫލް ދުނިޔޭގެ އެއް ވަނަ ހިމެނެ އެވެ. ނަމަވެސް އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ނަތީޖާ މާ ބޮޑަށް ރަނގަޅެވެ. މި ނަތީޖާއާ ގުޅޭ ގޮތުން އައްޑޫ ލައިވްއާ ވާހަކަ ދައްކަމުން އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް އެންމެ ބޮޑަށް ފާހަގަ ކުރެެެއްވީ ޓީޗަރުން ކުރި ބުރަ މަސައްކަތާއި ދަރިވަރުންގެ ހިތްވަރެވެ.

    " ޓީޗަރުން ވަރަށް ބުރަ މަސައްކަތްކުރޭ. ހުކުރު ވެސް ހޮނިހިރުގަ ވެސް ސްކޫލަށް ކުދިން ގެނެސްގެން އެކްސްޓްރާ ކުލާސްތަކާ މިހެން ގޮސް ވަރަށް ގިނަ ވަގުތު ހޭދަކޮށް ކިޔަވަދީގެން އެ ނަތީޖާ ނެރެވެނީ،" ނަދީމް ވިދާޅުވި އެވެ.

    ޓީޗަރުންނާއި ސްކޫލާއި ބެލެނިވެރިން ކުރި ވަރަށް ބޮޑު މަސައްކަތެއްގެ ނަތީޖާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

    "ކުދިންނާ ބެލެނިވެރިންވެސް އޭގައި ކުރާ ހިތްވަރު ވަރަށް ބޮޑު. އެ ނަތީޖާ އަންނަނީ ބައިވަރު އިތުރު އެހީތައް ކުދިންނަށް ދެވިގެން. ވަކި ކުއްޖަކު އިތުރު އެހީއެއް ބޭނުންވެއްޖެއްޔާ ކޮންމެ ދުވަހެއްގައި ކޮންމެ ގަޑިއެއްގައި ހަމަ އެކަން ކޮށްދޭ. އެހެންވީމަ އޭގެ ނަތީޖާއެއް ގޮތުން އެކަން އެ ފެނުނީ،" ނަދީމް ވިދާޅުވި އެވެ.

    މިއީ ސްކޫލަށް ލިބުނު ބޮޑު ފަހްރެއް ކަމަށްވިއަސް މިއަދު އެ ކާމިޔާބީ ފާހަގަކުރަން ވިސްނާއިރު ލިބޭ އުނިކަމެއް އެބަ އޮތެވެ. ސަބަބަކީ މީގެ ތެރެއިން ގިނަ ކުދިން ތިބީ މި ވަގުތު ރާއްޖެއިން ބޭރުގައި ކިޔަވަން ގޮހެވެ. އެހެން ނަމަވެސް ނަދީމް ވިދާޅުވީ އެކުދިންގެ ކާމިޔާބީ ސްކޫލުން ފާހަގަ ކުރާނެ ކަމަށެވެ.