Last Updated: April 25, 20:50
Thursday, April 25, 2024
ރިޕޯޓް މޯލްޑިވްސް ޕޮލިސް ސާވިސަސް

ސިއްރުކޮށްގެން ތިއްބާ ފުލުހުންގެ މުވައްސަސާ މި ވެއްޓުނީ ގާނޫނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް!

ހޯމް މިނިސްޓަރު އިމްރާނާއި ރައީސް ސޯލިހް ސަލާން ކުރައްވަނީ

ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ މުވައްސަސާގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި މިހާތަނަށްވެސް އޮތީ ހޯމް މިނިސްޓްރީ އެވެ. އެހެން ނަމަވެސް ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަކި ކުރެއްވިކަން އެ މިނިސްޓްރީއަށް މިހާރު ވަނީ އަންގަވާފަ އެވެ. އާއްމުންނަށާއި މީޑިޔާ ތަަކަށް ސިއްރު ހިނގި މިކަންތައް ގަނޑު ފަޅާ އެރުމާއެކު އާއްމުންނާއި ގާނޫނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ މިކަަމަށް އަމާޒުވެފަ އެވެ.

ފުލުހުންގެ އާ ގާނޫނުގައި އެއް ބާބު ވަޒީރަށް، މާނަކުރުމުގެ މައްސަލައެއްތަ؟

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ 14 އޮކްޓޫބަރު 2021ގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުއްވާފައިވާ ސިޓީގައިވަނީ މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނައީ ކަމަށެވެ.

އެހެން ނަމަވެސް ފުލުހުންގެ ގާނޫނުގައި ވަޒީރުގެ ޒިންމާތަކެއް މަތިކޮށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ބާރަ ވަނަ ބާބު ހާއްސަ ކޮށްފައި އޮތީ ވަޒީރުގެ ދައުރު ބަޔާންކުރާށެވެ. ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ބިނާކުރުމުގައި ހަވާލާދިން ފުލުހުންގެ އާ ގާނޫނުގެ 49 ވަަނަ މާއްދާގައި ވަޒީރުގެ ދައުރު ސާފުކޮން ބަޔާންކުރެ އެވެ.

" އެ މާއްދާގެ ހ ގައި ބުނެފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރެވެ. ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރެވެ." ކަމަށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފޮނުއްވި ސިޓީގައި ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީން ވަކިކުރައްވާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ. އެހެން ކަމުން ސަރުކާރުން އެ ގާނޫނު މަނާކުރީ މިނިސްޓްރީ އާއި ވަޒީރާ އެއީ މުޅިން ދެ އެއްޗަކަށް ބަލައިގެން ކަމަށް ބެލެވެ އެވެ. ސަބަބަކީ އޭގެ ފަހުންވެސް ފުލުހުންގެ އިސް ވަޒީރެއްގެ ގޮތުން ފެންނަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެހެން ކަމުން އެއްވެސް ވަޒީރެއް ޖަވާބު ދާރީވާން ނުޖެހޭ ކަމަށް ސަރުކާރުން މާނަ ކޮށްފައިވާ ކަމާމެދު ސުވާލު އުފެދެ އެވެ.

ގާނޫނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށް އޭގެ ފަހުން އެހެން މުވައްސަސާއެއްްގެ ދަށަށް ބަދަލުކުރިކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ. އެހެންކަމުން ގާނޫނީ ބޭފުޅުންގެ ބޮޑު ފާޑު ކިޔުމެއް މިކަމަށް އަމާޒުވި އެވެ.

ހޯމް މިނިސްޓަރުކަން މީގެ ކުރިން ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި ގޮތުން އެއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެކެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ފުލުހުންގެ ހިދުމަތް ހިނގާނީ ވަކި މިނިސްޓްރީއެއްގެ ދަށުން ނޫން ކަމަށް މާނަ ކުރުމަކީ ދުސްތޫރީ ހަމަތައް ކަފުންކުުރުމެވެ.

" ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް." ޑރ.ޖަމީލް ވިދާޅުވެފައިވެ އެވެ.

ކުރީގެ ޑެޕިއުޓީ އެޓާރނީޖެނަރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ހުޝާމްގެ އެއް ކަންބޮޑުވުމަކީ ފުލުހުންގެ މުވައްސަސާ މިހާރު ހިނގަނީ ކޮން މުވައްސަސާއެއްްގެ ދަށުންކަން ސާފުނުވެ އޮޮތުމެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނު އަސާސީއާ ހަވާލީ އޭނާ ވިދާޅުވި އެެވެ. ހަމަ އެހެންމެ އެ ގާނޫނު މާނަކުރާއިރު ވަަޒީރެއްގެ ބެލުމުގެ ދަށުން ކަމަށް ބުނާ ބުނުމަކީ މިނިސްޓްރީއެއްގެ ދަށުން ނޫން ކަމަށް މާނަ ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މުވައްސަސާ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަންވާނެ ކަމަށް ގާނޫނުގައި ނުވާކަމަށް ގާނޫނު މާނަކުރުމުން މިއީ ހުދުމުހްތާރު ސިފައެއް ކަމަށްވެސް ބައެއްް މީހުން ދަނީ ސިފަ ކުރަމުންނެވެ. އަދި މިއީ ވަކި ބަޔަކަށް ލިބިފައިވާ ބާރެއް ދޫކޮށްލަން ބޭނުންފުޅު ނުވެގެން ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ދަށަށް ބާރުތައް އެއްކުރައްވަން ކުރައްވާ ކަމެއް ގޮތުގައިވެސް ބައެއް މީހުން ދެކެ އެވެ.

" މިނިސްޓަރެއް ނުހުންނާނެ މިނިސްޓްރީއެއްނެތި. އެއީ އެކު އެކީ ހިނގާ ދެ ކަންތައް. މިނިސްޓްރީއާ ހަވާލު ކުރުމަކީ މިިނިސްޓަރާ ހަވާލުކުރުން. ހަމަ އެގޮތައް މިނިސްޓަރާ ހަވާލު ކުރުމަކީ މިނިސްޓްރީއާ ހަވާލުކުރުން. އެ ނޫން ގޮތަކަށް މާނަ ކުރުމަކީ ގޯހެއް،" ގާނޫނީ ވަކީލް އުޝާމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވި ސޮއިތަކަށް ވާނީ ކިހިނެތް؟

މި ނިންމެވުން ނިންމެވިކަން މީޑީޔާތަކަށް ތިލަވުމާއެކު ބައެއް މީހުން ކުރައްވާ ސުވާލަކީ ފުލުހުންގެ އާ ގާނޫނާއެކު ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާނަމަ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން އަބްދުﷲ ކުރެއްވި ސޮއިތަކަށް ނުވަތަ ނިންމެވި ނިންމުންތަކަށް ވާނީ ކިހިނެތޯއެވެ.

ހޯމް މިނިސްޓަރުކަން އިމްރާންއާ ހަވާލުކުރުމަށްފަހު ރައީސް ސޯލިހް އިމްރާންއާ ވާހަކަ ދައްކަވަނީ

ފުލުހުންގެ ގާނޫނުގައި ވަޒީރުގެ ދައުރު ކަމަށް ބުނާ ބަސް ހަމަ މިނިސްޓްރީއެއް ނުހިމެނޭ ގޮތައް މާނަ ކުރާ ނަމަ ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަވާ ވާޒީރެއްގެ ނިންމުންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރާނީ ކޮން މިނިސްޓްރީއަަކުންތޯ ސުވާލު އުފެދެ އެވެ. މިނިސްޓްރީއަކީ އިދާރީ މަސައްކަތްކުރާ އޮފީސް ކަމަށްވާއިރު މިނިސްޓަރުގެ މައްސޫލިއްޔަތު މިނިސްޓްރީއާ ވަކިކުރުމުން ގާނޫނީ އޮޅުންބޮޅުންގަނޑެއް ތެރެއަށްވެއްޓެ އެވެ. އެކަން ބައެއް މަޖިލިސް މެމްބަރުންވެސް ފާހަގަ ކުރައްވަ އެވެ.

ބޮޑު މުވައްސަސާއެއްގެ ބެލެނިވެރިކަން ބަދަލުވެގެން ދިޔަ ގޮތް އެއީ ބޮޑު ސިއްރަކަށް ވުމަކީ މިކަމުގެ ނިޔަތާ މެދު ސުވާލު އުފައްދަން ލިބުނު ޖާގައެއް ކަމަށް ބުނެވިދާނެ އެވެ. އެހެން ކަމުން ފުލުހުންގެ މުވައްސަސާދެން ހިނގާނީ ކިހިނެތްކަން ރައީސުލް ޖުމްހޫރިއްޔާ އެ ނިންމެވުން ސުވާލެއް ނެތް މިންވަރަށް ސާފުވާންޖެހެ އެވެ. މިހާތަނަށް އެނގެން އޮތީ ހަމަ އެކަނި އެއީ ސައްހަ ސިޓީއެއް ކަމާއި އޭގައިވާ ދެތިން ޖުމްލަ އެވެ. ނަމަވެސް ގާނޫނީ މިހާ ބޮޑު މައްސަލައެއް މިއަށްވުރެ ބޮޑަށް ސާފުނުވެއްޖެ ނަމަ ގާނޫނު ތަންފީޒުކުރާ އެ އިދާރާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ނިންމެވި ނިންމުންތައް ބާތިލްކަމަށް ވެސް ދެކުމަކީވެސް އެކަަށީގެންވާ ކަމެކެވެ.