Last Updated: April 26, 23:00
Friday, April 26, 2024
ޓެކްނޮލޮޖީ

ޓްރަމްޕް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ލޯންޗްކުރަނީ

ޓްވިޓާ އާއި ފޭސްބުކުން ބޭރުކޮށްލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ލޯންޗުކުރަން ނިންމައިފިއެވެ.

ޓްރަމްޕް އުފެއްދުމަށް ނިންމަވާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކިޔާނީ "ޓްރުތް ސޯޝަލް" އެވެ. މި ޕްލެޓްފޯމް ހިންގާނީ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕާއި ޑިޖިޓަލް ވޯލްޑް އެކުއިޒިޝަން ގްރޫޕް ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ރައީސަކީ ޓްރަމްޕެވެ.

ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕުން ރޭ ނެރުނު ބަޔާނެއްގައި ބުނީ "ޓްރުތް ސޯޝަލް" ޕްލެޓްފޯމްގެ ބީޓާ ވާޝަން ދައުވަތު ދެވޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި މުޅި އެމެރިކާ އަށް މި ޕްލެޓްފޯމް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ޕްލެޓްފޯމެއް އުފެއްދުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ މިއީ ޓެކްނޮލޮޖީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި ދެކޮޅަށް ތެދުވުމަށް އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހުންނަށް ޓްވިޓާގައި އުޅެވޭއިރު އެ ޕްލެޓްފޯމުން އޭނާގެ އަޑު ކަނޑުވާލާފައިވާ ކަމަށާއި ބަލައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އާ ޕްލެޓްފޯމުން އޭނާގެ ހިޔާލުތައް ހިއްސާކުރަމުންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ފޭސްބުކް އާއި ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލާފައިވަނީ މިއަހަރުގެ ކުރީކޮޅު ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ކޮންގްރެސް ހިސޯރުކޮށް އެތަނަށް ދިން ގެއްލުންތަކާއި ގުޅުވައި ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރު އާންމުންނާއި މުއާމަލާތް ކުރުމަށް ޓްރަމްޕް އެންމެ ބޮޑަށް ބޭނުން ކުރެއްވި ވަސީލަތަކާއި ޓްވިޓާ އެވެ.