Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

ބަޣާވާތާ ދެކޮޅު ހެދުމުން ސުދާނުގެ ބޮޑުވަޒީރު ބަންދު ކޮށްފި

ބޮޑުވަޒީރު އަބްދުﷲ ހަމުދޫކް--

ސުދާނުގައި އެ ގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށް އެކަމާ ދެކޮޅު ހެދުމުން އެގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމުދޫކް ބަންދުކޮށްފިއެވެ.

އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޣާވާތާ ދެކޮޅުހެދުމުން ކޮންތަނެއްކަން ނޭންގޭ ތަނަކަށް ބޮޑުވަޒީރު ހަމުދޫކް ބަދަލުކުރުމަށްފަހު މިހާރުވަނި ގޭގައި ބަންދުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ބަޣާވާތުގެ ތެރެއިން އެގައުމުގެ އިންޑަސްޓްރީ މިނިސްޓަރު، އިންފޮމޭޝަން މިނިސްޓަރު އަދި ސޮވެރިން ކައުންސިލްގެ މެމްބަރުން ހިމެނޭގޮތަށް ސަރުކާރުގެ އިސް ފަސް އޮފިޝަލަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިބަޣާވާތާ ގުޅިގެން ސުދާންގެ އިންފޮމޭޝަން މިނިސްޓްރީންވަނީ، އާންމުންނަށް މަގުމައްޗަށް ނިކުތުމަށާ ބަޣާވާތާ ދެކޮޅަށް މަސައްކަތް ފެށުމަށްވެސް ގޮވާލާފައެވެ.

މިދިޔަ މަހުގައިވެސް ސުދާނުގައި ބަޣާވާތެއް ކުރަންއުޅެ އެކަންވަނީ ނާކާމިޔާބުވެފައެވެ.