Last Updated: April 27, 10:05
Saturday, April 27, 2024
ޚަބަރު

ސ.މީދޫ ބަނދަރުގެ އެހާރާއި މިހާރު

ސ.މީދޫ ބަނދަރު އެހާރާއި މިހާރު އޮތްގޮތް

އައްޑޫ ސިޓީ މީދޫ ބަނދަރުގެ ހާލަތު މީގެ ކުރިން އެ އަވަށުގެ ރައްޔިތުން ބަޔާންކޮށްދިނީ މޮޅިވެރިކަމާއެކުގައެވެ. އޭރު މީދޫ ބަނދަރު އޮތީ ބޭނުންކުރަން ހެޔޮވާ ވަރަކަށް ނޫނޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މި ދައްކަނީ 3-4 އަހަރު ކުރީގެ ވާހަކައެކެވެ. މީދުއަށް ސަރުކާރުގެ އިސް ބޭފުޅަކު ވަޑައިގެންނެވިނަމަ، އާންމުންގެ ޝަކުވާއަކަށް އޮންނަނީ ހަމަ ބަނދަރުގެ ވާހަކައެވެ. މަޖިލިސް އިންތިޚާބަށްވިޔަސް، ރިޔާސީ އިންތިޚާބަށްވިޔަސް ނުވަތަ ކައުންސިލް އިންތިޚާބަށްވިޔަސް ރައްޔިތުން ކެންޑިޑޭޓުންގެ ފަރާތުން އެދުނީ އެންމެ ކަމަކަށެވެ. މީދޫ ބަނދަރުގެ ހާލަތު ރަނގަޅު ކޮށްދިނުމަށެވެ.

2019 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވުނީ އައްޑޫ މީދޫ ބަނދަރު ތަރައްގީކުރުމަށެވެ. ހަމަ އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހު އީއައިއޭގެ މަސައްކަތްނިމި، އޮކްޓޯބަރުމަހުގެ 12 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނެވެ. އެއާއެކު ރައްޔިތުންނަށް ލިބިގެންދިޔައީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ. މީދޫގައިވެސް ޒަމާނީ ފެންވަރެއްގެ ބަނދަރެއް އޮންނާނެކަމުގެ ޔަގީންކަމެވެ.

މީދޫ ބަނދަރު ތަރައްގީކުރުމަށްޓަކައި 2480 މީޓަރު ހާބަރ ޕޭވްމެންޓާއި، 57,996 ކިއުބިކް މީޓަރު ކޮނުމާއި ހިއްކުން އަދި 115 މީޓަރުގެ ބްރޭކްވޯޓާއަކާއެކު، 208 މީޓަރުގެ ކުއޭ ވޯލްއެއްގެ މަސައްކަތް ކުރުމަށް ނިންމިއެވެ. އަދި އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވުނެވެ.

2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެއާ ކުރިމަތިވިއިރުވެސް، އެމް.ޓީ.ސީ.ސީން ދިޔައީ ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމް.ޓީ.ސީ.ސީގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ. މީދޫ ބަނދަރުގެ މަސައްކަތްވެސް ދިޔައީ 'ބާރަށް ކުރިއަށެވެ.' 35.43 މިލއަން ރުފިޔާގެ މި މަޝްރޫޢިން އާންމުންނަށް ލިބުނު ފާއިދާތައް އެތައް ގުނައެވެ.

މިއަދު މީދޫގައި ބޭނުންކުރަމުން އަންނަނީ ޗާލު، ރީތި ބަނދަރެކެވެ. ރައްޔިތުންނަށް ފުރިހަމަވެގެންދިޔައީ އަސާސީ ހައްގެކެވެ. އަވަށުގެ އިގްތިސާދަށް ލިބިގެންދިޔައީ އިތުރު ކުރިއެރުމެކެވެ. އާންމުންނަށް ލިބިގެންދިޔައީ އިތުރު ލުއިފަސޭހައެކެވެ. ވަރަށްވެސް ޝުކުރު ހައްގު މަސައްކަތެކެވެ. ކުރިއަށް ދެން އޮތީ އާންމުން އެ ބަނދަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.