Last Updated: December 2, 22:38
Thursday, December 2, 2021
ދުނިޔެ

އެމެރިކާ ސިފައިން ސީރިއާއިން ނުފައިބާނެ: އޮފިޝަލުން

ސީރިއާގައި މިވަގުތު ތިބި އެމެރިކާގެ 900 އަށްވުރެ ގިނަ ސިފައިން އެ ގައުމުން ނުފައިބާނެކަމަށް، އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ފޭބުމާއި ގުޅިގެން ގިނަ ބަޔަކު ހީކުރަމުން އައި ސީރިއާއިންވެސް އެމެރިކާ ސިފައިން ފައިބާނެކަމަށެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އަވަސް މުސްތަގުބަލެއްގައި ސީރިއާއިން ފޭބުމުގެ ވިސްނުމެއް އެމެރިކާއިން ނުގެންގުޅެއެވެ.

އެމެރިކާއިން ސީރިއާގައި ކުރަމުން އަންނަ ހަނގުރާމައަކީ އިސްލާމިކް ސްޓޭޓް (އައިސިސް) އާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. 15-2014 ހިސާބުގައި އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ނިންމެވުމުގެ މަތިން ޢަރަބި އަދި ކުރުދީ ހަނގުރާމަވެރިންނަށް އެހީތެރިވާން އެމެރިކާގެ ސިފައިން ސީރިއާއަށް ފޮނުވިއެވެ.

ދެހާސްނަވާރަ ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވީ ސީރިއާގެ އިރުއުތުރުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެނައުމަށެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޓްރަމްޕަށް ކުރިމަތިވި ދަތިތަކާހެދި އެމެރިކާ ސިފައިން ނުބާލާ ބައިތިއްބަން ޓްރަމް ނިންމެވިއެވެ.