Last Updated: July 1, 23:03
Wednesday, July 2, 2025
ޓެކްނޮލޮޖީ

ފޭސްބުކް ކުންފުނީގެ ނަން "މެޓާ" އަށް ބަދަލުކޮށްފި

ފޭސްބުކް ކުންފުނީގެ ނަން "މެޓާ" އަށް ބަދަލުކޮށް، ރީބްރޭންޑް ކޮށްފިއެވެ.

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރިކަން އިއުލާންކުރީ އެ ކުންފުނީގެ އެނުއަލް ކަނެކްޓް ކޮންފަރެންސްގައި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒަކަބާގް އެވެ.

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރި ނަމަވެސް އެ ކުންފުނީގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ ނަން އެގޮތުގައި ދެމި އޮންނާނެއެވެ. މީގެ އިތުރަށް އިންސްޓަގްރާމް އަދި ވަޓްސްއެޕަކީ ވެސް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕްލެޓްފޯމްތަކެވެ.

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކޮށްފައިމިވަނީ އެ ކުންފުނީގައި މީގެކުރިން މަސައްކަތްކޮށްފައިވާ މުވައްޒަފެއް ކަމަށްވާ ފްރާންސެސް ހައުގެން "ދަ ވޯލްސްޓްރީޓް ޖާނަލް" މެދުވެރިކޮށް ލީކުކޮށްލި ފޭސްބުކްގެ އެތެރޭގެ ލިޔެކުންތަކުގެ ސަބަބުން އެ ކުންފުނީގެ ނަމަށް ބޮޑެތި އިލްޒާމުތަކެއް އެޅުވިފައިވާ ދަނޑިވަޅެއްގައެވެ.

މީގެކުރިން ގޫގްލްއިން ވެސް ވަނީ 2015 ގައި އެ ކުންފުނީގެ ނަމަށް ބަދަލު ގެނެސްފައެވެ. އެގޮތުން "އަލްފަބެޓް" ގެ ނަމަށް ބަދަލުކުރި ނަމަވެސް އެ ނަން މާބޮޑަށް ވައިގައި ހިފާފައެއް ނުވެއެވެ.