Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ކޮޕް26: އަފްޣާން ޑެލިގޭޓުންގެ އެޕްލިކޭޝަން ބާޠިލުކޮށްފި

އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި އަފްޣާނިސްތާނުގެ ޑެލިގޭޝަނަށް ބައިވެރިނުވެވޭނެކަން ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)އިން ހާމަކޮށްފިއެވެ.

ޔޫއެންއެފްސީސީސީއިން ވަނީ އަފްޣާނިސްތާން ޑެލިގޭޝަނުގެ އެޕްލިކޭޝަންތައް ބާޠިލުކޮށްފައެވެ. މިކަމާއި ގުޅިގެން އެ އިދާރާގެ ރަސްމީ ބަހެއް ލިބިފައިނުވާއިރު، އަފްޣާނިސްތާނުގެ ފަރާތުން ބައިވެރިވާން އުޅުނީ ޠާލިބާން ސަރުކާރަށް ފިލައިގެން އުޅޭ 5 ފިރިހެނުންނާއި އަންހެނެކެވެ. މި މީހުންނަކީ އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުގައި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވި މީހުންކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ ރެޕްރެޒެންޓޭޓިވުންނަށް މި ސަމިޓުގައި ބައިވެރިނުވެވޭތީ ގިނަ ބައެއްގެ ނުރުހުން ޔޫއެންއެފްސީސީސީއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ތިމާވެށި ލުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ. ހަމައެހެންމެ، ކްލައިމެޓް ޗޭންޖަކީ ވަކި ބޯޑަރަކަށް ނުވަތަ ނަސްލަކަށް ބަލައިގެން އޭގެ އަސަރުކުރާ ކަމެއް ނޫންކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މި ސަމިޓުގައި ބައިވެރިވުމަށް އަފްޣާން ޑެލިގޭޓުން ވަނީ ނޮމިނޭޓްވެފައެވެ.