Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ކޮވިޑަށް ފަރުވާދޭން ހެދި ބޭހަކަށް ހުއްދަ ދީފި

ކޮވިޑް-19 އަށް ފަރުވާދޭން ހެދި ބޭހަކަށް އިނގިރޭސިވިލާތުން ހުއްދަ ދީފިއެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މަރކް އެންޑް ކޯ އިން އުފެއްދި "މޮލްނޫޕިރަވިރް" ނަމަކަށް ކިޔާ މި ބޭހަށް ހުއްދަ ދީފައިވަނީ އިނގިރޭސިވިލާތުގެ މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓް ރެގިއުލޭޓާ އޭޖެންސީ (އެމްއެޗްއާރްއޭ) އިންނެވެ. އިނގިރޭސިވިލާތަކީ މި ބޭހަށް ހުއްދަ ދިން ފުރަތަމަ ގައުމެވެ.

މި ބޭސް ދިނުމަށް ހަމަޖެހިފައިވަނީ މި ފަހުން މި ބަލި ޖެހިފައިވާ ނާޒުކު ބަލި މީހުންނަށެވެ. އެގޮތުން ދުވާލަކު ދެ ފަހަރު އެފަދަ ފަރާތްތަކަށް މި ބޭސް ދިނުމަށް ވަނީ ނިންމާފައެވެ. މި ބޭހުގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ އަލާމާތްތައް ފެންނަތާ ފަސް ދުވަހުގެ ތެރޭގައި ދިނުމުންނެވެ.

މި ބޭސް އުފެއްދި މަރކް އެންޑް ކޯ އިން ބުނީ ކްލިނިކަލް ޓްރަޔަލްތަކުން ދައްކާ ގޮތުގައި ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓުކުރަން ޖެހުމާއި، ބަލީގައި މަރުވުމުގެ ފުރުސަތު މި ބޭހުން 50 އިންސައްތައާ ހަމައަށް ކުޑަކޮށްދެއެވެ. ނަމަވެސް މިއީ އެއްވެސް ހާލަތެއްގައި ވެކްސިންގެ ބަދަލުގައި އުފެއްދި ބޭހެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އިނގިރޭސިވިލާތުން ވަނީ މި ބޭހުގެ 480،000 ޑޯޒު ގަތުމަށް އެއްބަަސްވެފައެވެ. މި ބޭސް އުފެއްދި ކުންފުނިން ވަނީ މިހާރު ވެސް ބައެއް ގައުމުތަކުގެ ސަރުކާރުތަކާ އެކީ އަންނަނީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ. އެގޮތުން މި ބޭހަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިއްޖެނަމަ އެމެރިކާ އިން ވެސް ވަނީ 1.7 މިލިއަން ޑޯޒު ގަތުމަށް ނިންމާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ބޭނުންކުރަމުން ދަނީ ހަމައެކަނި ވެކްސިނެވެ.