Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

ކޮޕް26 ސަމިޓަކީ ފެއިލިއާއެއް: ގްރެޓާ ތަންބާގް

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) އަކީ ފެއިލިއާއެއް ކަމަށް ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަމްބާގް ބުނެފި އެވެ.

ކޮޕް26 ސަމިޓުގައި ގައުމުތަކުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއިރު، މި ސަމިޓަކީ އދ. ގެ ފްރޭމްވޯކް ކޮންވެޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގައި ސޮއިކޮށްފައިވާ ގައުމުތަކުން ބައިވެރިވާ ސަމިޓެކެވެ.

އިއްޔެ ސްކޮޓްލެންޑުގައި ކުރިއަށްދިޔަ ބޮޑު އެއްވުމުގައި ވާހަކަދައްކަމުން އުމުރުން 18 އަހަރުގެ ތަންބާގް ބުނީ ކޮޕް26 އަކީ ފެއިލިއާއެއް ކަމަށާއި އެއީ ސިއްރު ކުރެވެން ނެތް ކަމެއް ކަމަށެވެ. އެގޮތުން މޫސުމީ މައްސަލަތައް މިހާ ހިސާބަށް އައީވެސް މިފަދަ ސަމިޓުތައް ބާއްވަމުންދަނިކޮށް ކަމަށާއި އެ މަގަށް މަސައްކަތްކޮށްގެން މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށްވެސް ތަންބާގް ބުންޏެވެ.

ތަންބާގް ސިފަކުރި ގޮތުގައި ކޮޕް26 ސަމިޓަކީ އުފާފާޅުކުރުމަށާއި އަމިއްލަ ފައިދާތަކެއް ހޯދުމަށް މަގުކޮށަން ބޭއްވި ސަމިޓެކެވެ. އެގޮތުން ބާރުގައި ހިފަހައްޓައިގެެން ތިބި ފަރާތްތަކުން ހިޔާލީ ދުނިޔެއެއްގައި އުޅެމުންދާއިރު ދުނިޔެ އަނދައި ހުލިވެ، މޫސުމީ ކާރިސާގެ ގެއްލުން އެތައް ބަޔަކަށް ކުރަމުންދާކަން ތަންބާގް ފާހަގަކުރި އެވެ.

މީގެއިތުރުން ތަންބާގް ވަނީ މޫސުމީ މައްސަލަތަކުގައި ހުސް ވައުދުތައް ވުން ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ބުނެފައެވެ. އަދި ދުނިޔޭގެ ލީޑަރުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ލީޑަޝިޕް ފެނިގެން ނުދާ ކަމަށާއި އިއްޔެގެ އެއްވުމުން ފެނުނީ ހަގީގީ ލީޑަޝިޕް ކަމަށްވެސް ތަންބާގް ބުންޏެވެ.