Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

2022 ގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރަން ގޮވާލައިފި

މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ބަޖެޓްގެ ދަރަނި ބޮޑުވުމުން ޑޮލަރުގެ އަގު ނުހިފެހެއްޓޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތަކެތީގެ އަގު ނުހިފެހެއްޓި އަގުތައް އަރައިގެންދާނެކަމަށެވެ.

"ޑޮލަރު ރާއްޖެއަށް ނުވަންނަނީއެއް ނޫން، ބޭނުންވާ ވަރަށް ޑޮލަރު އެބަ ވަދޭ. އެއީ، ބޮޑު އަގުގައި ގަންނަން ވެއްޖެއްޔާ އެފައިސާ އެބަ ލިބޭ ވިއްޔާ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމާއި ދައުލަތުގެ ދަރަންޏަކީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ކަންތައްކަމަށެވެ.

ކުރިއަށްދެވޭނީ ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް ކުޑަކޮށްގެންކަން ފާހަގަކޮށް ސަލިމް ވިދާޅުވީ، ދައުލަތުގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށްފަހު އަލުން މަޖިލީހަށް ހުށަހެޅުމަށް ގޮވާލާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑ1-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވި އިގްތިސާދީ ދަތިތަކާއެކު ދަރަނި ބޮޑުވެފައި ވާއިރު، އެ ހާލަތު ދިއުމުން ދަރަނި ކުޑަކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ތަކެތީގެ އަގުތައް އިންތިހާއަށް އަރައިގެންދާނެކަމަށް ވިދާޅުވިއެވެ.