Last Updated: April 25, 22:40
Thursday, April 25, 2024
ރިޕޯޓް

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ކުޑަ އުޖޫރަ ލިބޭ މުވައްޒަފުން އުފަލުން ފޮޅިފަ

އައްޑޫ ހުޅުދޫގެ އިޖްތިމާއީ ސަރަހައްދެއް މަސައްކަތު މީހުން ސާފުކުރަނީ:-މިނިވަމްވޭޖާއެކު އެމީހުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ

"އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ މިއަދު. މިހާރު ލިބޭ މުސާރަކޮޅުން ގޭގެ ކަންކަން ހަމައެއް ނުޖެއްސޭ. އަހަރެމެނަށް ވެސް މަދުވެގެން 7000 ރުފިޔާ ލިބޭ ގޮތައް ކަނޑައެޅީމަ އެއީ ވަރަށް ބޮޑު އެއްޗެއް މިހާރު ލިބޭ އެއްޗަކާ އަޅާބަލާއިރު ބަޔަކު ކޮންމެ އެއްޗެއް ކިޔަސް މަށަށް އިނގެނީ މަަށަށް ރަނގަޅުވާނެކަން،" މިނިމަމް ވޭޖް ކަނޑައެޅިކަން އެނގިެން އައްޑޫ ސިޓީ ހުޅޫދޫ އަވަށު އޮފީހުގެ މުނިސިޕަލް ޑިވިޝަނުގައި މަސައްކަތްކުރާ އާގިސާ ހަސަން އިއްޔެ ބުނީ މިހެންނެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަސައްކަތްތެރިންނަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ އިއްޔެ ސަރުކާރުން ކަނޑައެޅުއްވި އެވެ. މި ބަދަލު އެންމެ ބޮޑު އުފަލެއް ލިބޭ ބަޔަކީ ކުޑަ އުޖޫރައަށް މަސައްކަތްކުރި މުވައްޒަފުންނެވެ. އެމީހުނަށް ލިބުނު މަދު ފައިސާ ކޮޅުގެ ޝަކުވާ ކޮށްކޮށް ތިއްބާ އެކަމަށް ހައްލު ލިބިގެންދާނެކަން ޔަގީންވުމުން ލިބުނު އުފާ ބައެއް މީހުނަށް ބުނެދޭންވެސް ދައްޗެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް:

އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ.

މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ.

ޕަބްލިކް ސެކްޓާ: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ރާއްޖޭގެ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ސަރުކާރު އޮފީސްތަކާއި މިސްކިތްތަކާއި އަދި މުނިސިޕަލްގައި މަސައްކަތްކުރާ މަސައްކަތު މީހުން ހިމެނެ އެވެ.

ޕީޖީ އޮފީސްގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާ ބިލްޑިންގ: ފޮޓޯ / ސަން

އެމީސް މީހުނަށް އިތުރު ގަޑީގެ ފައިސާ ނުހިމަނާ 6000 ރުފިޔާވެސް ނުލިބޭއިރު ދެން މަސައްކަތު މީހުންގެ މުސާރަވެސް 7000 ރުފިޔާއަށްވުރެ މަދެއްނުވާނެ އެވެ.

"އަހަރެން ސްކޫލްގައި މަސައްްކަތު މީހަކަށް މި އުޅެނީ. ކޮންމެ ގަޑިއެއްގައިވެސް އެބަ ދާންޖެހޭ. ގޯތިތެރެ ކުނިހައި ސާފުކޮށް އަދި ފާހަނާތައް ސާފުކޮށް އެބަ ހަދަން، އެކަމު ގެއަށް ގެންދަން ނުލިބޭ ހަ ހާސް ރުފިޔާވެސް. ވަރަށް ކުޑަ މި މުސާރަ،
" އަތޮޅު ތެރޭ ސްކޫލެއްގައި މަސައްކަތްކުރާ މަސައްކަތު މީހަކު އޭނާގެ މިހާރުގެ ޝަކުވާ ކިޔާ ދިނެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މަސައްކަތު މީހުނަށް ދޭ އިނާޔަތްތަކާއެެކު މިހާރު ލިބެނީ 5300 ރުފިޔާ އެވެ. އަދި ރަމަޟާންމަހުގެ އިނާޔަތާއެކު 8300 ރުފިޔާ އެވެ. ނަމަވެސް ދެން އެމީހުނަށް 7000 ރުފިޔާ ލިބޭއިރު އޭގެ ތެރޭގައި އިތުރު ގަޑިއާއި ރޯދަ މަހުގެ އިނާޔަތްފަދަ އިތުރު އެލަވަންސް ނުހިމެނޭނެ އެވެ.

މިހާރު ސަރުކާރުގެ އޮފިހެއްގައި މަސައްކަތްކުރާ މަސައްކަތު މީހަކަށް ލިބޭ އުޖުރަ އާއެކު ކޮށްފައިވާ އިއުލާނެއް

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މިކަމުގެ ރަނގަޅު އަސަރު ކުރާނެކަމަށެވެ. އެންމެ ކުޑަ އުޖޫރައާއެކު ދެން އެންމެ އުފަލުން ތިބި އެއްބަޔަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މީގެ ކުރިން ސަރވިސްޗާޖާއި އެހެނިހެން އިނާޔަތްތައް ނުލާ 8000 ރުފިޔާ ލިބުމަކީ މަދު ރިސޯޓެއްގައި ނޫނީ ނުވާ ކަމެކެވެ. ނަމަވެސް ސަރވިސް ޗާރޖްނުލާ މިހާރު 8000 ރުފިޔާ ލިބޭއިރު އެހެނިހެން އިނާޔަތްތަކާއެކު ރިސޯޓް މުވައްޒަފުންނަށް މިހާރު މަހަކު 10000 ރުފިޔާ އެންމެ ކުޑަ އުޖޫރައަކަށްވެސް ކަނޑައެޅިގެންދާނެ އެވެ.

އައްޑޫ ހުޅުދޫގެ އިޖްތިމާއީ ސަރަހައްދެއް މަސައްކަތު މީހުން ސާފުކުރަނީ:-މިނިވަމްވޭޖާއެކު އެމީހުންގެ މުސާރައަށް ހޔޮ ބަދަލެއް އަންނާނެ

މިނިމަމް ވެޖްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި، ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.