Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު ރައީސް ސޯލިހް

ޖުމްހޫރީ ޖަލްސާ: ފެނުނީ ދައުލަތައް ހިދުމަތްކުރެއްވި ބޭފުޅުންނަށް ރައީސްގެ ހިތްޕުޅުގައި އޮތް މަތިވެރިލޯބި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ އިނާމް އަރުވަނީ

މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި އެންމެ ހާއްސަ ކަމަކަށް ފެނިގެން ދިޔައީ ދައުލަތައް 35 އަހަރަށް ވުރެ ގިނަ މުއްދަތައް ހިދުމަތްކުރެއްވި ބޭފުޅުންޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތްޕުޅުގައި އޮތް މަތިވެރި ލޮތްބެވެ. އެ ބޭފުޅުނަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި ދެވިފައިވާ މަތިވެރި މަގާމެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ދެއްވަން ފުރަތަމަ ފަހަރަށް ނިންމެވި ޝަރަފުގެ ބެޖާއި އައްޑަނަ 117 ބޭފުޅަށް މިރޭ ލިބިވަޑައިގެންނެވި އެވެ. އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ މިރޭ ޖަލްސާއަށް ވަޑައިގެންނެވި 105 ބޭފުޅަކަށް އެމަނިކުފާނުގެ އަތްޕުޅުން އެ ބޭފުޅުނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފަ އެވެ.

މިއީ ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައިވެސް ދައުލަތައް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަން ކުރެވުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިއީ ދައުލަތައް ދިގު މުއްދަތައް ހިދުމަތްކުރި ފަރާތްތަކަށް ރައީސް ސޯލިހްގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯބިރަމްޒްކޮށްދޭ ކަމެކެވެ. އޭގެ އިތުރުން އެމަނިކުފާނުގެ އަތްޕުޅުން އެތަކެތި ދެއްވުމަށް އެމަނިކުފާނު ކޮޅަށް ހުންނަވައިގެން ހޭދަކުރެއްވި ވަގުތަކީ ވެސް އެކަމުގެ އަލިގަދަ ރަމްޒެކެވެ.

މީގެ އިތުރުން އެމަނިކުފާނު މި ޖަލްސާގައި ވެސް ވަނީ ދައުލަތައް ގިނަ ދުވަސްވަންދެން ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތައް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ހަމައެހެންމެ އޭގެ ކުރިން ދައުލަތައް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވާފަ އެވެ.

" އެހެން ނަމަވެސް، މިއީ މިފަދަ 30 އަކުން، ނުވަތަ 80 އަކުން ނިމެން އޮތް ލިސްޓެއް ނޫން. އެއަށްވުރެ ގިނަ ޚިދުމަތްތެރިންގެ ޚިދުމަތުން މާޒީގައި މި ރާއްޖެވަނީ ޒީނަތްކޮށްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމަކީ، ވަޒަންކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކަމެއް ކަމަށާއި އެ ޝަރަފް އެރުވުމުގައި، އެ ބޭފުޅަކު ވަޒީފާ އަދާކުރީ، ކޮން މަގާމެއްގައިތޯ ނުބަލައްވާ ކަމަށެވެ. ނަމަވެސް ބައްލަވާފައިވާނީ އެމީހަކު ވަޒީފާ އަދާކުރުމުގައި ބެހެއްޓެވި ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ހިދުމަތުގެ އަގު ވަޒަންކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްތަކެއް ކުރެއްވި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނެވި އެވެ. އެ ބޭފުޅުންނަކީ، ފާއިޒާ ޢަބްދުލްޤާދިރު، އިބްރާހީމް ޒަކީ، ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު، ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އަދި އިބްރާހީމް ޙަލީމެވެ.

މީގެތެރެއިން، އިބްރާހީމް ޒަކީއާއި، އިބްރާހީމް ޙަލީމަކީ، ތަފާތު ދެ ބޭފުޅުން ކަމަށާއި ދެވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަން ރައީސް ފާހަގަ ކުރެއްވެވި އެވެ. އަދި އެއީ މިއަދާ ހަމައަށްވެސް ހަމަ އެ ޚިދުމަތުގައި، ވެރިންގެ އަރިހުގައި އެގޮތުގައި ދެމިތިއްބެވި އިޚްލާސްތެރިކަމުގެ ނަމޫނާ މިސާލެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ތައުރީފުގެ ބަސްތައް ރައްދު ކުރައްވައި ޝުކުރު ތަކުރާރު ކުރައްވަނުން ގެންދެވިއެެވެ.

" ޒަމާން ދެއްކި ކޮންމެ ކުލައަކާއި، އައި ކޮންމެ އުސްގަނޑެއްގައި، އެ ބޭފުޅުން ތިއްބެވީ ޖުމްހޫރީ ޚިދުމަތުގައި. މި ޖުމްހޫރިއްޔާ މި ހިސާބަށް ވާޞިލުވުމުގެ އާރުކާޓީންނަކީ، މި ޚިދުމަތްތެރި ޢިއްޒަތްތެރި ބޭފުޅުން. މިފަދަ ޚިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ޚިދުމަތް ވަނީ މި ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްސިޔަ ވަޔަކީ، އެ ބޭފުޅުންގެ ޚިދުމަތް. ދިވެހި ދައުލަތާއި، ދިވެހި ސަރުކާރާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދިވެސް އެއްފަހަރު، ފަށްފަށުން ޝުކުރާއި ތައުރީފު، އެ ބޭފުޅުންނަށް ރައްދުކުރަން." ރައީސް ވިދާޅުވި އެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ފަސް ބޭފުޅުންނަކީ:
– 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ސީނިއަރ ސުޕަވައިޒަރ، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި ގަލޮޅު އޮނުހިރި އަލްފާޟިލް އިބްރާހީމް ޒަކީ
– 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ހެންވޭރު އާދުނި ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު
– 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި މާފަންނު ގިނަވެލި ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު
– 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައިސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް، ވީ.އައި.ޕީ. ވެއިޓަރ ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި މާފަންނު ފަތްކޯނި އަލްފާޟިލް އިބްރާހީމް ޙަލީމް
– 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުން، އުމުރުފުޅުން 65 އަހަރުވެގެން ވަކިވެވަޑައިގެންނެވި މާފަންނު ކުންނުމަލާ އަލްފާޟިލާ ފާއިޒާ އަބްދުލްޤާދިރު

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުށަހެޅުއްވި ބޭފުޅުންގެ އަދަދު ގިނަކަމާއެކު، އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ވަނީ ނިންމަވައިފައެވެ.