Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

ފޯކަސް ސީދާ ކުރަން ޖެހެނީ ވައުދުތައް ފުއްދަން، ކޮވިޑަކީ ބަހަނާއަކަށް ހެދޭކަށް ނެތް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާކުރަންޖެހެނީ، މި ފަސް އަހަރަށްވީ ވަޢުދުތައް ފުއްދައި ނިންމުމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ، އެ މިޞްރާބަށް ވާޞިލުވުމުގެ އަމާޒުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު ކުރަން ޖެހުނު މަސައްކަތަކީ ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުންއެންމެން ސަލާމަތްވުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ކޯވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ، ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ދެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އެކި ދާއިރާތަކުގެ ކުރިއެރުމަށް ބޭނުންވާ ފައިސާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު، އިޖުތިމާޢީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާނެ ކަމަށާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް، އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ވާނީ ބަޖެޓް ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަފްސާނީ ބަލިތަކާމެދު ނަފްސުތައް ހޭލެވެން ފެށިއިރު، އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތިކަމަކަށް. އައި.ޖީ.އެމް.އެޗް.އިން އެޕޮއިންޓްމެންޓެއް ހަދައިގެން، ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް، އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްޤީ ކުރެވޭނެ."ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް މާބޮޑަށްވެސް އަވަސްކުރަން އެބަޖެހޭ ކަމަށާއި އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އެއް ކަމަކީ ޚިދުމަތްތައް، އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، އަންނަ އަހަރަށް ވަރަށްބޮޑު އިސްކަމެއްދީގެން ބަޖެޓް ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބިން އުފެއްދުމާއި، އުފެދިފައި ހުރި ބިންތައް ގުޅުވައިލުން މުހިންމު ކަމަށާއި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ، ކުރިއަށް އޮތް ތަނުގައި ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ރައީސް ފާޙަގަ ކުރެއްވި އެވެ.

"ކޮމިއުނިޓީ ބޭސްޑް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު އެވަނީ ބަޖެޓް ކުރެވިފައި. އެ ޒުވާނުންނަށް ރީހެބިލިޓޭޝަނާއި، ކުޅިވަރާއި، ވަޒީފާއާއި، ހުނަރު ލިއްބައިދިނުން ވަރަށް މުހިންމު. ކުރިއަށް އޮތް ތަނުގައި ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކަށް ސަރުކާރުގެ ނަޒަރު އިހުނަށްވުރެ ސީދާކުރެވޭނެ،"

ވަޒީފާ ނެތް ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއެއް ހޯދޭނެ މަގެއް އޮންނަންޖެހޭ ކަމަށާއި ވަޒީފާދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު ރެކްރޫޓްމަންޓް ޕްރޮސެސްއެއް ފަހިކޮށްދިނުމަށް، ސަރުކާރުގެ ސިޔާސަތެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީގެދަށުން، ޖޮބް ސެންޓަރުގެ އޮފީސްތައް، އަތޮޅުތެރޭގައި ޤާއިމުކުރުމަށް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބާކީ އޮތް ދެ އަހަރު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ބައެއް ކަންކަން ހިއްސާ ކުރައްވާފަ އެވެ.