Last Updated: July 5, 20:34
Sunday, July 6, 2025
ވިޔަފާރި

"މޯލްޑިވްސް ސިމެންތި" މާކެޓް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެސްޓީއޯ އިން ވިއްކަމުންދާ "މޯލްޑިވްސް ސިމެންތި"ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި، އެސްޓީއޯގެ ސްޓްރެޓެޖިކް ޕާރޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މުހައްމަދު ވަހީދުއެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެކުންފުނި ކަމަށްވާ އެސްޓީއޯ އަދި އެޕޯލޯ ހޯލްޑިންގްސްއިން ސޮއި ކުރި މިއެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުމެވެ. އަދި މިއީ ދެކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް އެސްޓީއޯ އިން ހާމަކުރެ އެވެ.

މިއެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދޭނެއެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ހިންގުމުގެ އިތުރުން، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާއިރު، އެކުންފުންޏާއެކު މިހެދުނު ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން "މޯލްޑިވްސް ސިމެންތި"އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

"މޯލްޑިވްސް ސިމެންތި" އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމްކޮށްފައިވާ ފެކްޓްރީއިން އުފައްދަމުން އަންނަ ސިމެންތިއެކެވެ.