Last Updated: April 20, 18:06
Saturday, April 20, 2024
ދުނިޔެ

ހުކުރަށް ތިއްބާ އަފްޣާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް

މީގެކުރިން އަފްގާނިސްތާނުގެ މިސްކިތަކަށް ދެވުނު ހަމަލާއެއް

އަފްޣާނިސްތާނުގައި ހުކުރު ނަމާދު ވަގުތު، ހުކުރު ކުރަން ތިއްބައި މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފި އެވެ.

ހަމަލާ ދީފައިވަނީ އަފްޢާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށެވެ. ހުކުރު ނަމާދު ވަގުތުގައި ދިން އެ ބޮމުގެ ހަމަލާތަކެއްގައި މިހާތަނަށް ތިން މީހަކު މަރުވެ، 12 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. މި މިސްކިތަކީ އެ ޕްރޮވިންސްގައި އުޅޭ ޝީއީ މުސްލިމުން ނަމާދުކުރުމަށް ގޮސް އުޅޭ މިސްކިތެކެވެ.

ނަންގަހާރު ޕްރޮވިންސްގެ އިސް އޮފިޝަލަކު "އޭޕީ ނިއުސް" އާއި ވާހަކަދައްކަމުން ވިދާޅުވީ މި ހަމަލާދީފައިވަނީ މިސްކިތުގެ އެތެރޭގައި ބޮންތަކެއް ހަރުކޮށްގެން ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު އަފްގާނުގައި އުޅޭ ޝީއީ މުސްލިމުންނަށް އަމާޒުކޮށް މީގެކުރިން ވެސް އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިން ވަނީ ހަމަލާތަކެއް ދީފައެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކުންދޫޒް ސިޓީގައި ޝީއީ މުސްލިމުން ނަމާދުކުރުމަށް ގޮސް އުޅޭ މިސްކިތަކަށް ވެސް ވަނީ ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 50 މީހުން ވަނީ މަރުވެފައެވެ.