Last Updated: July 3, 09:54
Thursday, July 3, 2025
ވިޔަފާރި

މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ބަޔަކު ހޯދަނީ

މާލޭ މަސް މާރުކޭޓް.-- ފޮޓޯ: މިހާރު

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އައްޑޫ ކައުންސިލުން އަލުން އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް މާދަމާ އިން ފެށިގެން މި މަހުގެ 18 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1700 ރުފޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 90 ދުވަސް ކަމަށް ބުނެފައިވެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގައެވެ.