ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކޮށްފި އެވެ.
މިއީ މި މުބާރާތުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ސްރީލަންކާއާ ބައްދަލުކޮށް 4-4 އިން އެއްވަރުވެފައެވެ. އަދި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި ސީޝެލްސްއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިއީ 18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ބަންގްލަދޭޝް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު ބަންގްލަދޭޝް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޖަމާލް ބުޔާން އެވެ. މި ގޯލަށްފަހު ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ދިޔައީ ރަނގަޅު އެޓޭކުތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 33 ވަނަ މިނެޓްގައި މުހައްމަދު އުމެއިރު ވަނީ ރާއްޖެ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖެ އިން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ. މި ހާފުގައި ބަންގްލަދޭޝް އިން ބޮޑަށް މަސައްކަތް ކުރީ ޑިފެންސިވްކޮށް ކުޅުމަށްފަހު ކައުންޓަ އެޓޭކުގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރުމަށެވެ.
އެގޮތުން ބަންގްލަދޭޝް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 86 ވަނަ މިނެޓްގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ލިބުނީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ޖުވެލް ރަނާއަށް ރާއްޖޭގެ ކީޕަރު ނާޖިހު ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ބަންގްލަދޭޝް އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ޓޯޕޫ ބަރްމަން އެވެ.
މުބާރާތުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. އަދި ބަންގްލަދޭޝް ބައްދަލުކުރާނީ ސްރީލަންކާއާއެވެ.