Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ބޮޑު ހޭދައެއްކޮށްގެން އައްޑޫ ކައުންސިލުން ސަރުކާރާއި ބައްދަލުކުރަން މާލެއަށް!

އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލް މެމްބަރުން ބޮޑު ހޭދައެއްކޮށް ސަރުކާރުގެ ވަފުދުތަކާ ބައްދަލުކުރަން މާލެ ވަޑައިގެންފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އައްޑޫ ކައުންސިލުން މާލެއަށް ކުރާ ރަސްމީ ދަތުރުގައި މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރާއެކު 8 ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ވަގުތީ ސެކްރެޓަރީ ޖެނަރަލް އާއި އިދާރީ ދެ މުވައްޒަފުން ބައިވެރިވާ ގޮތައް ވަނީ ހަމަޖެހިފަ އެވެ.

ބައްދަލުކުރަނީ ކޮން ބަޔަކާ؟
މި ދަތުރާ ގުޅޭ ގޮތުން އައްޑޫ ކައުންސިލުން ބުނީ މި ދަތުރުގައި ސަރުކާރުގެ އެކި މިނިސްޓްރީ ތަކާއި އެކި އިދާރާތަށް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުންގެ އިތުރުން ރައީސުލްޖުމްހުރިއްޔާ އަދި އެމަނިކްފާނުގެ ނައިބާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ރައްޔިތުންނާއި ގުޅުން ހުރި އެކި އެކި ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރުން ކަމަށްވެސް ވަނީ މައުލޫމާތު ދީފަ އެވެ.

ހަރަދު ހަމަޖައްސަނީ ކޮންތާކުން އަދި ކިހާވަރެއް؟

މި ދަތުރުކުރުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 14އިން 17 ވަނަ ދުވަހުގެ ނިޔަލަށްކަމަށްބުނެ މީޑިޔާއަށް ނަމަވެސް އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި މި ދަތުރުކުރުމަށް ހަމަޖައްސާފައިވަނީ 13 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުގެ ހަރަދު ހަމަ ޖައްސަނީ ކޮންބައެއް ކަމަށް ކަމެއް ސިޓީ ކައުންސިލުން ނުބުނެ އެވެ. މިއީ ރަސްމީ ދަތުރެއް ގޮތައް ކުރާ ދަތުރެއް ކަމުން ދަތުރުގެ ހަރަދުތައް ކައުންސިލަރުން އަމިއްލަ ހަރަދުގައި ނުކުރާނެ އެވެ. އަދި މި ދަތުރައް ބޮޑު ހޭދައެއްކުރާނެ ކަމަށް ބެލެވޭއިރު މި ދަތުރަށް ކުރާ ހަރަދުގެ ތަފްސީލެއް ކައުންސިލުން ނުދެ އެވެ. އެހެން ނަމަވެސް މައުލޫމާތު ކައުންސިލުން ހާމަނުކޮށްފި ނަމަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދާ ކިޔުންތެރިންނާ ހަމަައަށް ގެނެސްދޭނަމެވެ.


  • ބޭކާރު ހަރަދެއްތަ؟
  • މި ދަތުރުގެ މާބޮޑު ތަފްސީލެއް އައްޑޫ ކައުންސިލުން ދީފައިނުވި ނަމަވެސް ރައީސާއި ނައިބު ރައީސްއާ ބައްދަލު ކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފަ އެވެ. ނަމަވެސް ނައިބު ރައީސް ފައިސަލް ނަސީމް މިދިޔަ މަހުގެ 29 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ކައުންސިލާ ބައްދަލު ކުރައްވާފައިވެ އެވެ. ބޮޑު ހޭދައެއްކޮށްގެން އައްޑޫގެ ގިނަ ކައުންސިލަރުން މާލެ ވަޑައިގެންނެވި ނަމަވެސް އެކި މިނިސްޓްރީތަކާ ކުރައްވާ ބައްދަލުވުމުގެ އެވްރެޖް ގޮތެއްގައި ހަމަޖައްސާފައިވަނީ ގަޑިއެއްހާއިރުގެ ވަގުތެކެވެ.

    މި ބައްދަލުވުންތައް ފިޔަވާ ފިޒިކަލީ ބައިވެރިވަޑައިގަންނަވަން ޖެހޭ ހާއްސަ އެއްވެސް ރަސްމިޔާތެއް މި ދަތުރުގެ ތެރޭގައި ހިމެނިފައިއެއްނުވެ އެވެ. އަދި އެންމެ ގިނައިރު ބައްދަލުވުމުގައި ހޭދަކުރަނީ މާލޭ ސިޓީ ކައުންސިލާ އާއެކުކަންވެސް އައްޑޫލައިވްއަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އޮންލައިންކޮށްވެސް މި ދަތުރުތައް ބޭއްވޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މި ހުރިހާ ބޭފުޅުންގެ ދަތުރާއި ހުރުމާއި އެކު ޖުމްލަ ލައްކައަކަށް ވުރެ ގިނަ ފައިސާ މި ދަތުރަށް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

    ކައުންސިލުން އެއްފަހަރުވެސް ރައްޔިތުންނާ ބައްދަލުނުކުރޭ

    އައްޑޫ ސިޓީ ކައުންސިލުން މާލޭގައި ތިއްބެވި ވެރިންނާ ބައްދަކުކުރަން މާލެ ވަޑައިގަންނަވާއިރު އަދި އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާއި ފިޒިކަލީ ބައްދަލުކޮށްފައެއްނުވެ އެވެ. އައްޑޫ ރައްޔިތުންނާއި ބައްދަލު ނުވެގެން އުޅެނީ ކޮވިޑްގެ ބަލިމަޑުކަމާހެދި ކަމަށް އައްޑޫ ކައުންސިލުން ބުނި ނަމަވެސް ތަފާތު އެކި އެއްވުންތައް އައްޑޫ ކައުންސިލުން އިންތިޒާމްކޮށްގެންނާއި އަދި އެހެން އިދާރާ ތަކުން އައްޑޫގައި ބާއްވާފައިވެ އެެވެ. އަދި ކޮވިޑްގެ ވަބާއާ ހެދި އައްޑޫގެ ރައްޔިތުންނާ އައްޑޫ ކައުންސިލުން ބައްދަލުނުކޮށް މާލޭގެ ވެރިންނާއި އޮންލައިންކޮށް ބައްދަލުކުރުމުގެ ބަދަލުގައި މާލެ ވަޑައިގެން ބައްދަލުކުރާތީ ރައްޔިތުންގެ ހިތްހަމަނުޖެހުން ދަނީ ފާޅުކުރަމުންނެވެ.