ސްރީލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ކުޅުނު ދެ މެޗުން ރާއްޖެ އަށް އެންމެ ޕޮއިންޓެއް ލިބުމަކީ ހައްގު މިންވަރެއް ނޫން ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މި މުބާރާތުގައި ރާއްޖެ މިއަދު ވަނީ ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެފައެވެ. މިއީ 18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ސްރީލަންކާއާ ބައްދަލުކޮށް 4-4 އިން އެއްވަރުވެފައެވެ. މިއަދުގެ މެޗާއެކު ރާއްޖެ އަށް ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ ކޯޗު މޮރިއޭރޯ ބުނީ ޓީމާއެކު މާ ގިނަ ވަގުތެއް އަދި ހޭދަނުކުރެވޭ ކަމަށާއި އޭނާގެ އެދުމަކީ ވަގުތު ދިނުން ކަމަށެވެ. އެގޮތުން ވަގުތު ދީފިނަމަ ތަފާތު ދެއްކޭނެ ކަމަށާއި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ބުރަކޮށް ކުޅުންތެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޯޗު ބުންޏެވެ.
ކޯޗު ބުނީ ކުޅުނު ދެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު އެއް ޕޮއިންޓު ލިބުމަކީ ރާއްޖެ އަށް ހައްގުވާ ވަރަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ. އަދި ނަތީޖާތައް މި ވަގުތު އެހުރީ މުޅި މަންޒަރު އެނގޭ ގޮތަކަށް ނޫން ކަމަށާއި ކަންކަން ރަނގަޅު ކުރަން ހުއްޓާނުލާ މަސައްކަތް ކުރާނެކަން ފާހަގަކުރަމުން ކޯޗު ވަނީ ނަތީޖާ އަންނާނެ ކަމަށްވެސް ބުނެފަ އެވެ.
ރާއްޖެއިން ލީގު ބުރުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.