Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

އައްޑޫގެ އެކްޓިވް ކޭސްތައް 400 އާ ގާތްކުރަނީ، އީއޯސީ ހަނު!

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކޮންމެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ. ދުވާލެއްގެ މައްޗަށް 20 ކޭސް ނުވަތަ 50 ކޭސް މި ކުޑަކުޑަ ސިޓީން ފެންނައިރު، މި ބަލި މުޅި އަތޮޅުގައި ފެތުރިފައި އޮތް މިންވަރު ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ނަމަވެސް އަޅާލާނެ ބަޔަކު ނެތެވެ. ފިޔަވަޅުތައް ވަރުގަދަކުރުމެއްވެސް ނެތެވެ. އެ ފިޔަވަޅުތަކަށް ބަޔަކު އަމަލުކުރޭތޯ ބަލާނެ ބަޔަކުވެސް ނެތީއެވެ.

އޮގަސްޓު 28 ވަނަ ދުވަހު އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އައްޑޫ އީއޯސީ) އިން ޕްރެސް ބްރީފިންގއެއް ބޭއްވިއެވެ. އެ ދުވަހަކީ، އައްޑޫގެ ގުޅިފައިވާ އަވަށްތައް މޮނިޓަރިންގއަށް ލެވުނު ދުވަހެވެ. ބްރީފިންގައި އެންމެ ފަހުގެ އަދާހަމަތައް ހިއްސާކުރިއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ނަމުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. ދެން ދައްކަން ފެށީ ފަރުދީ ޒިންމާގެ ވާހަކައެވެ. ރައްޔިތުން ބަސްއެހިއެވެ. ފަރުދީ ޒިންމާވެސް އަދާކުރިއެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅަކަށް ކޮވިޑު 'މައިތިރި' ވީއޭވެސް ބުނެވިދާނެއެވެ.

ނަމަވެސް އަނެއްކާވެސް މި ބަލީގެ އިތުރު ރާޅަކާ މިއޮތީ ކުރިމަތިވެފައެވެ. ސިޓީގެ ވެރިކަންކުރާ ހިތަދޫ އަވަށުގައި މި ބަލި ފެތުރެމުން އަންނަނީ ހަލުވިކަމާއެކުގައެވެ. ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫއިންވެސް ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެއްޖެއެވެ. އައްޑޫގެ އެހެނިހެން އަވަށްތަކުގައިވެސް މި ބަލި ހަލުވިކަމާއެކު އެބަ ފެތުރެއެވެ. ކަންމިހެން އޮތަކަސް، އައްޑޫ އީއޯސީ އޮތީ ހަނުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކޮންމެ ރެއަކު ކޮވިޑުގެ އަދާހަމަތައް ހިއްސާކުރުން ފިޔަވާ އެހެން އެއްވެސް މަސައްކަތެއް ކުރޭތޯ ސުވާލު އުފައްދައެވެ.

އޮގަސްޓު 28 އިން ފެށިގެން މިއަދާ ހަމައަށް 77 ދުވަސް ވެފައިވާއިރު، އެދުވަހު އެޅި ފިޔަވަޅުތަކަށް އަދިވެސް ބަދަލެއް ނުގެނެއެވެ. ސްކޫލުތައް ހުޅުވުން ފިޔަވާ އެހެން އެއްވެސް ކަމެއް އިތުރަކަށް ނުކުރެއެވެ. ކުރިއަސް ކުރާ ކަމަކީ ހަރަކާތްތައް ބޭއްވުމެވެ. އިވެންޓުތައް ރާވައި އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ. އެބުނާ 'ނިއު ނޯމަލް' އަށްވެސް ބަޔަކު ތަބާވަނީކީއެއް ނޫނެވެ. މައްސަލައެއް ނެތެވެ. ކޮވިޑާ އެކީ އުޅެންވެސް މިއަދު ދަސްކުރަން ޖެހެއެވެ. ނަމަވެސް، ސުވާލަކީ، ކޮވިޑާއެކު އުޅޭއިރު އަމިއްލަ ސަލާމަތަށް ވިސްނަން ނުޖެހެނީ ބާވައެވެ؟ ވެކްސިން ޖެހުމަކީ ބަލި ނުޖެހޭނެ ސަބަބެއްކަމަށް ދެކެނީ ބާވައެވެ؟

އައްޑޫގައި މިވަގުތު އެކްޓިވް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 245 މީހުން އެބަތިއްބެވެ. މި މީހުންގެވެސް ޝަކުވާތައް މަދެއް ނޫނެވެ. ކަރަންޓީން ނޯޓިސް ނުޖެހުމާއި، އެސް.އެސް.ސީއަށް ގުޅުމުން ފޯނު ނުނެގުމާއި، އީއޯސީއަށް ވާނުވާ ނޭގުމާއި މިފަދަ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ހަމައެހެންމެ، ކަރަންޓީން މުއްދަތުގެ ދެބައިކުޅަ އެއްބައި ހަމަވުމަށްފަހު ނޯޓިސް ޖެހުމާއި، ކަރަންޓީނު ކުރެވުނުކަން އަންގާ ލިޔުންތައް ލިބުމުގައި ލަސްތައް ހުންނަކަން ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ.

"އަހަރެންނަކީ ވަޒީފާ އަދާކުރާ މީހެއް. ކަރަންޓީން ކުރެވިފައިވާކަން އަންގާ ލިޔުން އޮފީހަށް ހުށަނާޅާ ނުހުރެވޭ. އެކަމަކު އެ ލިޔުން ލިބެނީ އެތައް އުނދަގުލަކުން އަދި އެތައް ދުވަހެއް ފަހުން" އީއޯސީއާއި އެސް.އެސް.ޑީގެ ކަންކަން ހުރިގޮތް ކިޔާދެމުން މީހަކު ބުންޏެވެ.

ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، އެ ފިޔަވަޅުތަކުން ފާއިދާއެއް ނުކުރާނަމަ، އޭގެ ބޭނުން އެބައޮތްތޯ ސުވާލު އުފެދެއެވެ. ސިޓީ ކައުންސިލަށާއި އީއޯސީއަށް މިހާރު އޮތީ ދެ މަގެކެވެ. އެއް މަގަކީ، ފިޔަވަޅުތައް އުވާލާފައި، 'ނިއު ނޯމަލް' އަށް ހޭނިގެން ކޮވިޑާއެކު އުޅުމެވެ. އަނެއް މަގަކީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް، މި ސިޓީއިން މި ބަލި އެއްކޮށް ނައްތާލުމެވެ. އެންމެ ފަހުގެ ފައިސަލާ ނެގުން އޮތީ ވެރީންގެ އަތް މަތީގައެވެ. ރައްޔިތުންނަށް އޮތީ އަމިއްލަ ރައްކަލަށް ބަލައިގެން، ވެރީންނަށް ކިޔަމަންވުމެވެ.