Last Updated: March 28, 21:43
Thursday, March 28, 2024
ކޮލަމް ސިޔާސީ

"ތަވީދު ގެއްލޭ" އިއްޒަތްތެރިންނަށް ދޭނެ ފަރުވާއެއް މުހިންމު ވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަމުގެ ތިން ބާރުގެ ތެރެއިން އެއް ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުން ތަމްސީލުކުރުމަށް އެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ ނުހަނު މުހިންމު މަސައްކަތްތަކަކާއި ޒިންމާތަކެއް ނަންގަވަންޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ. ރައްޔިތުންގެ ފައިސާއިން ބޮޑެ ޚަރަދެއް ކޮށް އެ ބޭފުޅުންނަށް ހައްޤުވާ ޤާނޫނީ "އިއްޒަތާއި ޝަރަފު" އެ ބޭފުޅުންނަށް ދެނީ އެކަމަށްޓަކައެވެ.

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެތަނެއްގެ މަސައްކަތް ރައްޔިތުންނަށް އެންމެ ފަސޭހައިން ބެލި އެތަނުގައި މެމްބަރުން އުޅޭނޫޅޭ ގޮތް އެންމެ ގާތުން ފެންނާނެތަނެވެ. އަބަދުވެސް ރައްޔިތުންގެ މަޖިލީހަކީ "ސިޔާސީ ސަކަރާތުގައި" ރައްޔިތުންނަށް އެންމެ ފަސޭހައިން މަންޒަރު ފެންނަ ތަނެވެ. މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި އެކި މެމްބަރުން އެކި "ސަކަރާތް" ޖައްސަވާފައި އެބަހުއްޓެވެ. އަދި އެބޭފުޅުން ދައްކަވާ އެކި ވާހަކަތަކުން ރައްޔިތުންގެ މަލާމާތް ރައްދުވެ އަދި އެ މެމްބަރަކު ތަމްސީލުކުރާ ދާއިރާގެ ރައްޔިތުން ލަދުގަންނަންވެސް ޖެހިފައި އެބަހުއްޓެވެ.

އެހެންނަމަވެސް މިހާރު މިހިނގަމުންދާ މަޖިލީހަކީ މީގެކުރީގެ މަޖިލިސް ތަކާ އަޅާބަލާއިރު, މިކަމުގައިވެސް ތަފާތު ދައްކަމުން އަންނަ މަޖިލީހެކެވެ.

ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ގޮތާއި, ބަސްމަގު ގެންގުޅުއްވާ ގޮތުން އެ މެމްބަރުން "ތަވީދު ގެއްލުނީތޯ" ރައްޔިތުން ސުވާލު އުފައްދާ ހިސާބަށްދެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ލަގަބުގައި, ރަށުތެރޭގައި އަޑުގަދަކޮށް ހަޅޭލާ, މަގުމަތީގައި އޮށޯވެ ކުޑަކުދިންވެސް ނޫޅޭފަދަ ގޮތަކަށް ރަންބުއްދި އަރައިގެންވެސް ބައެއް "އިއްޒަތްތެރިން" އުޅުއްވައެވެ.

އަނެއްބައި މެމްބަރުން އުޅުއްވަނީ އެބޭފުޅުންނަށް ލިބޭ "އިއްޒަތުގެ" ހައްޤު މިންވަރު ހޯއްދެވުމަށެވެ. "އިއްޒަތް" ލިބޭކަން ކަށަވަރު ނުވެގެން ވެސް މިދޭތެރެއިން ބައެއް ބޭފުޅުން އުޅުއްވައިފިއެވެ. އަނެއްބައި ބޭބޭފުޅުން އުޅުއްވަނީ ވައިޕީގައި ކަންކަން ނުކުރެވިގެންނެވެ. މިހެންގޮސް މި "އިއްޒަތްތެރިންނާ" ގުޅޭ މިފަދަ އެތައް ކަމެކެވެ.

ކޮންމެއަކަސް, ރައްޔިތުންގެ ފައިސާއިން ހަރަދުކޮށް ރައްޔިތުން ތަމްސީލުކުރަން ތިއްބަވާ އިއްޒަތްތެރިންތަކެއް "ތަވީދު ގެއްލިގެން" އުޅެންވެއްޖެ ނަމަ އެކަމުން ޤައުމަށް ކުރާ ފައިދާއަށްވުރެއް ލިބޭ ގެއްލުން ބޮޑުވާނެއެވެ. ރައްޔިތުން ގަންނަން ޖެހޭނީ ލަދެވެ. އެހެންކަމުން އިއްޒަތްތެރިއަކު "ތަވީދު ގެއްލިގެން" އުޅެންފަށާ ހިސާބުން އެކަމުގައި ޤާނޫނީގޮތުން ފަރުވާއެއް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދެވިފައި އޮތުމުގެ މުހިންމުކަން ކިތަންމެހާވެސް ބޮޑެވެ.