Last Updated: April 23, 13:19
Tuesday, April 23, 2024
ރިޕޯޓް

މީހުން ނިދާ ގަޑީގައި އައްޑޫގައި ހިންގާ ކާފިއު!

ސިޓީ ސްކޮޔަރ - އައްޑޫސިޓީ ކައުންސިލް މީޑިއާ

އައްޑޫ ސިޓީ މޮނިޓަރިންގައި އޮންނަތާ 75 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އައްޑޫގެ ހުރިހާ އަވަށްތައް މޮނިޓަރިންގައި އޮތްއިރު، ކޮންމެ ރެޔަކު 9:00 އިން ފަތިހު 4:00 އަށް ކާފިއު އެބަ ހިންގައެވެ. ކޮންމެހެން ބޭރަށްދާން ޖެހިއްޖެނަމަ، އެ ގަޑިތަކުގައި ދެވެނީ ޚާއްސަ ހުއްދައެއް އޮވެގެންނެވެ. ބައެއް މީހުން ދެކޭގޮތުގައި މިއީ މީހުން ގާތުން އެއްތާވުން މަދުކުރުމަށް އަޅާފައި އޮތް ފިޔަވަޅެކެވެ. އަނެއްބައި މީހުން ދެކޭގޮތުގައި މިއީ ނަމެއްގައި އަޅާފައި އޮތް ފިޔަވަޅެކެވެ. ލާނެއްގަނޑުން ބުނާނީ މިއީ 'ކޮވިޑު ނިދާ ގަޑި' ކަމަށެވެ. ނަމަވެސް، މި ކާފިއުގެ އަސްލު ބޭނުން ބަލައިލަމާތޯއެވެ؟

އައްޑޫ ސިޓީގެ 12 އަހަރުންމަތީގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެެވެ. މިއާއެކު، ދަތުރުފަތުރުކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. އީއޯސީގެ ހުއްދައެއް ބޭނުމެއް ނުވެއެވެ. އެސް.އެސް.ޑީގެ ހުއްދައެއްވެސް ބޭނުމެއް ނުވެއެވެ. ވެކްސިންގެ 2 ޑޯޒް ޖަހައިގެން ހުރިނަމަ، މާލެއިން އައްޑުއަށް އައިސް ކަރަންޓީނުވުމެއްވެސް މިހާރު ނޯވެއެވެ. ނަމަވެސް ވެކްސިން ފުރިހަމަނުކޮށް މާލެއިން އައްޑުއަށް ދަތުރުކުރާނަމަ، ކަރަންޓީން ވާންޖެހެއެވެ. މައްސަލައެއް ނެތެވެ. ވެކްސިން ފުރިހަމަކޮށްގެން ތިބި މީހުންނަށް ދެވުނު ބޮޑު ލުއިފަސޭހައަކަށް މިކަން ވަނީ ވެގެން ގޮސްފައެވެ. ވަރަށް ފުރިހަމަ އުސޫލެކެވެ. ދެން އަންނަނީ ކާފިއުގެ ކަންކަމެވެ. ރޭގަނޑު 9 އިން ފަތިހު 4 ކަށް ކާފިއު ހިންގާފައި އޮންނައިރު، ބޭރަށް ދެވެނީ 'ޚާއްސަ ހުއްދަ' އެއް އޮވެގެންނެވެ. ރޭގަނޑު 9 ޖަހާއިރު ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކުރަން ޖެހޭއިރު، ފިހާރަތަކަށް 10 ޖަހަންދެން ޑެލިވަރީ ކުރެވޭނެއެވެ. އަދި ރެސްޓޯރެންޓުތަކަށް 12 ޖަހަންދެން ޑެލިވަރީ ކުރެވޭނެއެވެ. އެއީ، މިބުނާ 'ޚާއްސަ ހުއްދަ' އޮތިއްޔާ އެކަންޏެވެ.

ބައެއް މީހުންގެ ނަޒަރުގައި ކާފިއުއަކީ ކުދި ވިޔަފާރިތައް ބަނގުރޫޓޫކުރުވާ ފިޔަވަޅެކެވެ. ބޮޑު ވިޔަފާރިއަކަށް މެނުވީ ޑެލިވަރީގެ ޚިދުމަތް ދިނުން ފަސޭހައެއް ނުވާނެއެވެ. ކުދި ވިޔަފާރިތައް އިނދަޖެހި، މުއްސަނދިންނަށް މުއްސަންދިކަން އަދި ފަގީރުންނަށް ފަގީރުކަން އިތުރުވެއްޖެއެވެ. ނަމަވެސް، އަނެއްބައި މީހުންގެ ނަޒަރުގައި ކޮވިޑު ފެތުރުން ހަމައަަކަށް އެޅުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ މިއެވެ. ކާފިއު ހިންގުމެވެ.
ސަބަބަކީ، މީހުން ތަންތަނަށް އެއްވެ އުޅުން މަދުކުރުމަށެވެ. އެކަކު އަނެކަކާ ބައްދަލުވާ މިންވަރު މަދުކުރުމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މި ކާފިއުގެ ފާއިދާ އެއްވެސް ވަރަކަށް ކުރަމުން އެބަ އާދޭހެއްޔެވެ؟ ކޮވިޑުގެ ކޭސްތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ކާފިއު ހިންގަން ފެށި ދުވަހާ އަޅާބަލާއިރު މިއަދު ފެންނަ ކޭސްތައް މާ ގިނައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލޭއިން ދުވާލެއްގެ މައްޗަށް ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އައްޑޫ ސިޓީއަށްވުރެ އެތައް ގުނައެއް ކުޑައެވެ. ނަމަވެސް މާލެއަކީ އައްޑޫ ސިޓީއަށްވުރެ ބޮޑު، ތޮއްޖެހިފައި އޮތް ސިޓީއެކެވެ. އެ ސިޓީގައި މިބުނާ ކާފިއު މިހާރަކު ނޯވެއެވެ. ނަމަވެސް އައު އާންމު ހާލަތުގެ އުސޫލުތައް ނުވަތަ އިނގިރޭސި ބަހުންނަމަ، 'ނިއު ނޯމަލް'ގެ އުސޫލުތަކަށް އެތަނުގެ މީހުން އަންނަނީ ތަބާވަމުންނެވެ. ކޮވިޑުގެ ކޭސްތައް އެ ސިޓީގައި މަދުވުމުގެ ސިއްރަކީ މިއީ ކަމަށްވެސް ވެދާނެއެވެ. އައްޑޫ ރައްޔިތުންވެސް މި 'ނިއު ނޯމަލް' އަށް ތިބީ ކޮންމެވެސް ވަރަކަށް ހޭނިފައެވެ. ނަމަވެސް އަދިވެސް ފަރުވާ ކުޑަކޮށްލެވޭ ވަގުތުކޮޅުގައި ކޮވިޑުގެ ނުރައްކަލާ ކުރިމަތި ވަނީއެވެ.

ކޮވިޑު ހުއްޓުވުމަށްޓަކައި ކާފިއު ހިންގާނަމަ، ހިންގަންޖެހެނީ އޭގެއިން ފާއިދާއެއްވާ ގޮތަކަށެވެ. މީހުން ނިދަން އަރާ ގަޑީގައި ކާފިއު ހިންގައިގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ދެން އޮތް ގޮތަކީ، ކާފިއު ނުހިންގާ ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމެވެ. އެކިއެކި ޖަލްސާތަކާއި އިވެންޓުތައް ބޭއްވުން ފަސްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. ބޮޑެތި އެއްވުންތައް ބޭއްވުން މިކަލަކަށް މަޑު ޖައްސައިލުމެވެ. ހެދިފައިވާ އުސޫލުތަކަށް މީހުން އަމަލުކުރޭތޯ ބެލުމެވެ. ތާއަބަދު 'ފަރުދީ ޒިންމާ' ކިޔުމުގެ ބަދަލުގައި، ވެރީންގެވެސް ޒިންމާ ފުރިހަމަ ގޮތުގައި ނެގުމެވެ. ކޮންމެ ގޮތަކަށް ކަންކުރިޔަސް، ކޮވިޑާއެކީ އުޅެންވެސް އެބަޖެހެއެވެ. ނަމަވެސް މި އުޅޭ އުޅުމުގައިވެސް ކަމާއިބެހޭ ފަރާތްތަކުން ހަދާ ގަވާއިދުތައް ހާލަތާއި ގުޅެން އެބަޖެހެއެވެ. އޭރުން މި ކާފިއުގެ ފާއިދާވެސް ކުރާނެއެވެ.