Last Updated: July 3, 08:25
Thursday, July 3, 2025
ކުޅިވަރު

ފްރާންސް އާއި ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ބެލްޖިއަމް އާއި ފްރާންސް ކޮލިފައިވެއްޖެ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓެއްގެ ގޮތުގައި އޮތް ގަތަރާ އެކު މިހާތަނަށް މުބާރާތަށް ކޮލިފައިވެފައިވަނީ ފްރާންސް އާއި ބެލްޖިއަމްގެ އިތުރުން ބްރެޒިލް އާއި ޖަރުމަނު އަދި ޑެންމާކް އެވެ.

އެންމެފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް މުބާރާތަށް ކޮލިފައިވީ ރޭ ކަޒަކްސްތާންއާ ބައްދަލުކުރި މެޗު 8-0 އިން ކާމިޔާބުކޮށްގެންނެވެ.

ފްރާންސްގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި ކަރީމް ބެންޒެމާ ދެ ގޯލު ކާމިޔާބުކުރިއިރު ފްރާންސްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ރަބިއޯގެ އިތުރުން ގްރިޒްމަން އެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ފްރާންސް ކޮލިފައިވީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ފިންލޭންޑަށް 11 ޕޮއިންޓު ލިބިފައިވާއިރު ޔުކްރޭނަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.

އެސްޓޯނިއާގެ މައްޗަށް 3-1 އިން ކުރި ހޯދައި ބެލްޖިއަމް ވޯލްޑު ކަޕުން ޖާގައެއް ކަށަވަރުކުރިއިރު، އެޓީމަށް ވަނީ ހަތް މެޗުން 19 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް ވޭލްސް އަށް 14 ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި 11 ޕޮއިންޓާއެކު އޮތީ ޗެކް ރިޕަބްލިކް އެވެ.

ރޭގެ މެޗުގައި ބެލްޖިއަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އާއި ކަރަސްކޯގެ އިތުރުން ތޯގަން ހަޒާޑް އެވެ. އެސްޓޯނިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ސޯގާ އެވެ.