Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކެނެބިސް ޓްރެފިކް ކުުރުމުގެ ދައުވާއިން ބިދޭސީއަކު ސަލާމަތްވީ ދައުލަތުން ހެދު ބޮޑެތި ގޯސްތަކުން!

ޕީޖީ ހުސެއިން ޝަމީމު - ފޮޓޯ: ސަން

ދައުލަތުން ސާބިތުކޮށްދޭން ޖެހޭ މުހިންމު އުންސުރުތަކެއް ސާބިތުކޮށް ނުދެވިގެން ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލި ބިދޭސީ މީހަކު ސަލާމަތްވެއްޖެ އެެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ރޮކީ އަހްމަދު ނަމަކަކަށް ކިޔާ މީހެއްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ ކޮށްފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރެއިންނާއި ފިހާރައަކުން ފެނުން މަސްތުވާތަކެތީގެ ބާވާތެއް ކަމަށްވާ ކެނެބިސް ފެނިގެން ކަމަށްބުނެ އެވެ.

ނަމަވެސް މި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ދައުލަތުން ހަދާފައިވާ ބައެއްް ބޮޑެތި ގޯސްތައް ފާހަގަކޮށްފައިވެ އެވެ. 16 އޮގަސްޓް 2017 ހ.ދަނބުފިޔަގެއިންނާއި ނިއު ގްރީނިޝް މާރޓް"އިން ފެނުން ކަމަށްބުނާ މަސްތުވާތަކެއްޗާއި ގުޅިގެން އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މައްސަލައާއެކު ހުށަހަޅާފައިވާ ތަހްލީލް ރިޕޯޓުގައި ބަޔާންކުރާ ތަކެއްޗަކީ، ރޮކީ އަޙްމަދުއާ ދެކޮޅަށް ފުލުހުން ހިންގި ތަހުގީގުގައި ފެނުނު ތަކެތިކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާ ކަމަށެވެ.

" ފުލުހުން ހިފެހެއްޓި ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވާކަން ޕްރޮސިކިއުޝަންއަށް ސާބިތުކޮށްދެވިފައިނުވާތީ، ރޮކީ
އަޙްމަދުގެ އަތުގައި މަސްތުވާތަކެތި ހުރިކަން ނުވަތަ ނެތްކަން ބެލުމުގައި ޝަރީއަތުން އެސުވާލަށް ޖަވާބެއް ހޯދާފައެއް ނުވާނެއެވެ.
އަދި މިހާލަތުގައި އެ ސުވާލަށް ޝަރީއަތަށް ޖަވާބެއް ހޯދި ކަމުގައިވީނަމަވެސް، މައްސަލައިގެ ނިންމުމަށް އެއްވެސް އަސަރެއް
ނުކުރާނެއެވެ. ފެނުނު ތަކެއްޗަކީ ކެނެބިސްކަން ސާބިތުކޮށް ނުދެވޭ ހާލަތުގައި އެތަކެތި އަތުގައި ހުއްޓަސް، ރޮކީ އަޙްމަދު
ކެނެބިސް ޓްރެފިކްކުރީކަމުގައި ނުބެލެވޭނެއެވެ." މައްސަލައިގައި ކުރެއްވި ހުކުމުގައި ގާޒީ ނިންމަވާފައިވެ އެވެ.

މި މައްސަލައިގައި ރޮކީ ފުލުހުންނަށް ދިން ތަހްގީގަށްދިން ބަޔާނުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނި ނަމަވެސް އޭނާ ތަހްގީގަށްދިން ބަޔާނަކީ ފުލުހުން އަނިޔާކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ކޯޓުގައި ދައުވާއަށް އިންކާރުކޮށް ރޮކީ ބުނެފައިވެއެވެ. އެހެން ނަމަަވެސް ފުލުހުން އޭނާގެ ބަޔާން ނެގިއިރު ވީޑިއޯކޮށް އޯޑިއޯ ރެކޯޑްކޮށްފައިނުވާތީ ތަހްގީގަށް ދިން ބަޔާނަށް އެއްވެސް ވަރަކަށް ބުރަދަނެއް ދީފައިނުވާނެ ކަމަށް ގާޒީ ހުކުމުގައި ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން މަސްތުވާތަކެތި ކަމަށްބުނާ ތަކެތި ފެނުމުމުން އެތަކެތި ގެންގުޅުމުގައި އަމަލުކޮށްފައިވާ ގޮތުން އެއީ ރޮކީ ދިރިއުޅުނު ކޮޓަރިންނާއި އެ ފިހާރައިން ފެނުން ތަކެތި ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ކަނޑައަޅުއްވާފައިވެ އެވެ. އެގޮތުން
މިޗެއިން އޮފް ކަސްޓަޑީ ބްރޭކްވުމުގެ ނަތީޖާއަކީ، ޕްރޮސިކިއުޝަންއިން ހުށަހެޅި ތަހުލީލް ރިޕޯޓުގައި ބަޔާންކުރެވުނު ތަކެއްޗަކީ ފުލުހުން ކްރައިމް ސީންއިން ހިފެހެއްޓި ތަކެތިކަމާމެދު، އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށާއި މައްސަލައިގައި ޕްރޮސިކިއުޝަންއިން ހުށަހެޅި ކަންކަމުން، މި ޝައްކު ފިލުވާދެވިފަނުވާ ކަމަށް ކޯޓުން ނިންމާފައިވެ އެވެ.
.
އިބްތިދާއީ މަރުހަލާއިން ފެށިގެން ރޮކީ އަޙްމަދުގެ ފަރާތުން ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދައި، ޗެއިން އޮފް
ކަސްޓަޑީ "ކުޑަ ކާޑު" ނެތްކަމަށް ބަޔާންކުރި ނަމަވެސް އެ ލިޔުން މައްސަލައިގެ އަޑުއެހުންތައް ނިމުނުއިރުވެސް
ޕްރޮސިކިއުޝަންއިން ހުށަހަޅާފައެއް ނުވެ އެވެ.

"މިފަދަ މައްސަލަތަކުގައި، އެވިޑެންސް ބޭގްގެ ބޭރުގައި ތަތްކުރެވޭ ޗެއިން އޮފް ކަސްޓަޑީއަކީ ޕްރޮސިކިއުޝަންއިން
ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުމެކެވެ. އަދި ކިއެއްތަ، ދައުވާކުރުމުގެ ކުރިން، ހެކި ހޯދާފައިވަނީ ގާނޫނާ އެއްގޮތަށްތޯ
ކަށަވަރުކުރުމުގެ ގޮތުން ޕްރޮސިކިއުޝަންއިން މި ލިޔުމަށް ބަލާ އެކަން ޔަގީންކޮށްފައި އޮންނަންވާނެއެވެ. އެލިޔުމުގައި ބަޔާންކުރާ
ކަންކަމަށް ނުބަލާ ދައުވާ އުފުލުމަކީ، ޒިންމާދާރުކަން ކުޑަކަމާއެކު ދައުވާކުރުން ކަމުގައި ނޫނީ ނުބެލެވޭނެއެވެ." ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

ފުލުހުން ފުރިހަމަކުރަން ޖެހޭ އިޖްރާއަތްތައް ފުރިހަމަނުކޮށްގެންނާއި ޕްރޮސެކިއުޓާ ޖެނަރަލް ހުށައަޅަން ޖެހޭ ބައެއްް ލިޔުންތައް ހުށަނާޅައިގެން މީގެ ކުރިންވެސް މަސްތުވާތަކެތީގެ ބައެއް ކުށްތަކުގައި މީހުން ކޯޓު މަރުހަލާއިން ސަލާމަތްވެފައި އެބަ ހުއްޓެވެ.