Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ސްޕެއިން ވޯލްޑް ކަޕަށް، ޕޯޗުގަލް ޕްލޭއޮފަށް

އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ސްޕެއިން ޖާގަ ކަށަވަރުކުރިއިރު، ސާބިއާ އަތުން 2-1 އިން ބަލިވެ ޕޯޗުގަލުން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ޕްލޭއޮފް ބުރުުގައި ކުޅެން ޖެހިއްޖެ އެވެ.

ވޯލްޑް ކަޕުން ސްޕެއިން ޖާގަ ކަށަވަރުކުރީ ރޭ ސްވިޑެންގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕެއިނަށް މެޗުގެެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި އަލްވަރޯ މޮރާޓާ އެވެ.

ގްރޫޕް ބީގެ އެއް ވަނަ ސްޕެއިނުން ހޯދީ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ސްވިޑެން އަށް އަށް މެޗުން 15 ޕޮއިންޓް ލިބުނުއިރު، އެ ޓީމު ކުޅޭނީ ޕްލޭއޮފް ބުރުގަ އެވެ.

ޕޯޗުގަލް އަށް އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ދެވެން އޮތް މެޗުން ރޭ ބަލިވިއިރު، އެ މެޗުން މޮޅުވި ސާބިއާ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ރޭ ކުޅުނު މެޗުގެ ދެވަނަ މިނިޓްގައި ރެނާޓޯ ސަންޗޭޒް ވަނީ ޕޯޗުގަލަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޫސާން ޓަޑިޗް ވަނީ ސާބިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ސާބިއާ މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މިޓްރޮވިޗް އެވެ. މިޓްރޮވިޗް މި ގޯލު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި މޮޅާއެކު ސާބިއާ އަށް ގްރޫޕް އޭގެ އެއް ވަނަ ލިބުނީ އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި ޕޯޗުގަލް އަށް އަށް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުގެ އިތުރުން މިހާތަނަށް މުބާރާތަށް ކޮލިފައިވެފައިވަނީ އަށް ގައުމަކުންނެވެ. އެއީ ބްރެޒިލްގެ އިތުރުން ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އެވެ.