Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް، ހުރީ ސަރުކާރުގެ ވަކީލެއް: ޖަމީލް

ޑރ. ޖަމީލް، ފޮޓޯ: މިހާރު

ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް، ކަމަށާއި ހުރީ ސަރުކާރުގެ ވަކީލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވާ އިއްޔެ ދެއްކެވި ވާހަކަތަކުގެ ތެރެއިން ބައެއް ހެޑްލައިންތައް ފާހަަގަކޮށް އޭނާ ވަނީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ފާހަގަ ކުރައްވާފައިވާ އެއް ހަބަރަކީ ވެންޓިލޭޓަރުގެ މައްސަލަ އާއި މަހްލޫފުގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ވިދާޅުވި ހަބަރެވެ. އެއާއެކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ ނިންމެވި ހަބަރާއި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމި ހަބަރުގެ ސުރުހީގެ ސްކްރީންޝޮޓެއް އެ ޓުވީޓާއެކު ހިމަނުއްވާފައިވެ އެވެ.

ޖަމީލް ވިދާޅުވީ ޕީޖީ ދަޢުވާކުރާނެ އަދި ނުކުރާނެ މައްސަލަތައް މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭ ކަމަށެވެ.

" ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަންޖެހޭ. އޭޖީ އޮފީހުން ދަޢުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫޢަވެއްޖެ"

ދައުވާކުރުމުގައި ޕީޖީ ގެންގުޅުއްވާ ހަމަތަކަށް އިދިކޮޅު ޕީޕީއެމްއިން ވެސް ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.