Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އައްޑޫ ސިޓީ ހުޅުދޫގައި ބަލި މީހާ ޕިކަޕެއްގައި އުުފުލަން ޖެހުނު މައްސަލައެއް

ހުޅުމީދޫ ސިއްހީ މަރުކަޒު - ފޮޓޯ: މާހިލް ޙަސަން ދީދީ

އައްޑޫ ސިޓީ ހުޅުދޫގައި ބަލި މީހަކު ޕިކަޕެގައި އުފުލަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިރޭ ހުޅުމީދޫ ހެލްތް ސެންޓަރަށް ބަލި މީހަކު ޕިކަޕެއްގައި އުފުލަން ޖެހުނީ އެމްބިއުލާންސް ފޮނުވަދޭން އެދުމުން އެމްބިއުލާންސްގައި ތެޔޮ ހުސްވެފައި ހުރުމުން އެމްބިއުލާން ފޮނުވާ ނުދެވިގެންނެވެ. ޕިކަޕެެއްގައި އުފުލާފައިވަނީ މީދޫ ފިރިހެނެކެވެ. އޭނާ ގެންގޮސްފައިވަނީ ގެއިން ހުޅުމީދޫ ހެލްތް ސެންޓަރަށެވެ.

އެކަމާ ގުޅޭ ގޮތުން ހުޅުމީދޫ ހެލްތް ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އިބްރާހިމް ދީދީ ވިދާޅުވީ މިރޭ އެމްބިއުލާންއިން ޑީސަލް ހުސްވެފައިހުރިކަން އެމްބިއުލާންސް ޑްރައިވަރަށް އޮތީ ބަލާ ނުލެވި ކަމަށެވެ. ބަލި މީހަކު އުފުލަން މިރޭ ޖެހުނުއިރު އެމްބިއުލާންސް އެވަގުތު ފޯރުކޮށް ނުދެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޑްރައިވަރަކީ މަސައްކަތައް ވަރަށް ފަރުވާތެރި މީހެއް. މީގެ ކުރިން ދުވަހަކުވެސް މިކަހަލަ ކަމެއް ދިމާވެފައެއްނުވޭ. އެހެން ނަމަވެސް ތެޔޮ ހުސްވެފައިހުރިތޯ މިރޭ ބަލާ ނުލެވިހުރީ. ދެން އެމްބިއުލާންސް ބޭނުންވެގެން މީހަކު ގުޅިއިރު ތެޔޮ ފަސޭހައިން އެ ވަގުތު ގޮތުން ގަނެވެން ނެތީމަ އެމްބިއުލާންސް ނުފޮނުވުނީ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން އަދި އިތުރަށް މުވައްޒަފުގެ ކިބައިން ސާފުކުރާނެ ކަަމަށެވެ. އަދި ވިދާޅުވީ މިރޭގެ އޭގެ ފަހުން ތެޔޮ ހޯދައިގެން އެމްބިއުލާންސް ބޭނުންކުރެވޭނެ ހާލަތައް ގެނެސްފައިވާ ކަމެވެ.