Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އިންގްލޭންޑް ވޯލްޑް ކަޕަށް، އިޓަލީ ޕްލޭއޮފަށް

އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން އިންގްލޭންޑް ޖާގަ ކަށަވަރުކުރިއިރު، ނޮދަން އަޔަލޭންޑާއި އެއްވަރުވެ އިޓަލީން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ޕްލޭއޮފް ބުރުުގައި ކުޅެން ޖެހިއްޖެ އެވެ.

ވޯލްޑް ކަޕުން އިންގްލޭންޑް ޖާގަ ކަށަވަރުކުރީ ރޭ ސެންމެރީނޯގެ މައްޗަށް 0-10 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ހެރީ ކޭން ހަތަރު ގޯލު ކާމިޔާބުކުރިއިރު އިންގްލޭންޑްގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ހެރީ މެގުއާ އާއި ސްމިތް ރޯ އާއި މިންގްސް އާއި ޓެމީ އަބްރަހަމް އާއި ސަކާއެވެ. މި މެޗުގައި ސެންމެރީނޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެއެވެ.

ގްރޫޕް އައިގެ އެއް ވަނަ އިންގްލޭންޑުން ހޯދީ 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ޕޮލެންޑަށް 10 މެޗުން 20 ޕޮއިންޓް ލިބުނުއިރު، އެ ޓީމު ކުޅޭނީ ޕްލޭއޮފް ބުރުގަ އެވެ.

އިޓަލީ އަށް މޮޅެއް ހޯދައިގެން ވޯލްޑް ކަޕަށް ދެވެން އޮތް މެޗުން ރޭ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން މި މެޗުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނޮދަން އަޔަލޭންޑްގެ ކޯނާ ވޮޝިންޓަން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން އިޓަލީ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

އިޓަލީ ހިމެނުނު ގްރޫޕް ސީގެ އެއްވަނަ ހޯދައިގެން ވޯލްޑް ކަޕުން ޖާގަ ހޯދީ ސްވިޒަލޭންޑެވެ. ސްވިޒަލޭންޑުން ރޭ ވަނީ 4-0 އިން ބަލްގޭރިއާ ބަލިކޮށްފައެވެ.

ސްވިޒަލޭންޑަށް ގްރޫޕްގެ އެއް ވަނަ ލިބުނީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި އިޓަލީ އަށް އަށް މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ.

ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުގެ އިތުރުން މިހާތަނަށް މުބާރާތަށް ކޮލިފައިވެފައިވަނީ 11 ގައުމަކުންނެވެ. އެއީ ބްރެޒިލްގެ އިތުރުން ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އާއި އިންގްލެންޑާއި ސްވިޒަލޭންޑެވެ.