ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަތައް ކުޑަކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިފަދައިން ގޮވާލައްވާފައިވަނީ އޯވަޑްރޯގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުވާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އޯވަޑްރޯގެ މުއްދަތު އިތުރުކޮށްފިނަމަ އޭގެ ގެއްލުން ރައްޔިތުންނާއި ދައުލަތަށް ކުރާނެކަމަށާއި، އިގްތިސާދު އިތުރަށް އަޑިއަށްދާނެކަމަށެވެ.
އަދި މުއްދަތު އިތުރުކޮށްފި ނަމަ ޑޮލަރުގެ އަގު އަރަގެން ދާނެކަމަށާއި، އަދި ތަކެތީގެ އަގުވެސް އަރައިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އިގުތިސާދު ރަނގަޅު ވަމުންއަންނައިރު އޯވަޑްރޯގެ މުއްދަތު އިތުރު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.
މިހާލަތުގައި ބަޖެޓް މެނޭޖް ކުރުމަށް ކުރަންޖެހޭ ކަމަކީ ރިކަރެންޓް ހަރަދު ކުޑަކޮށް މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މީހުންގެ މުސާރަ ކުޑަކުރުން ކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.