Last Updated: July 3, 08:25
Thursday, July 3, 2025
ޚަބަރު

ސަރުކާރުގެ ތިން އަހަރަށް ދޭނީ އެފް ރިޕޯޓެއް: އިދިކޮޅު

މި ސަރުކާރުގެ ތިން އަހަރަށް ދޭނީ އެފް ރިޕޯޓެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ނަތީޖާ ހާސިލުކުރެވުނު މިންވަރާއި ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

އެ ޕްރެޒެންޓޭޝަނަށްފަހު އާދަމް ޝަރީފް ވިދާޅުވީ ނިމިގެން މިދާ ތިން އަހަރަކީ މުޑުދާރު ތިން އަހަރު ކަމަށާއި ރައްޔިތުންގެ ގިނަ ބަޔަކު ވެސް ގަބޫލުކުރަނީ އެގޮތަށް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ގެއްލުނު ތިން އަހަރު ކަމަށާއި މި ތިން އަހަރުގައި ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޕްރެޒެންޓޭޝަނުގައި ދެއްކި 50 ވައުދު މާކުކޮށްގެން މާކްސްއެއް ދޭނަމަ މި ސަރުކާރަށް ދޭނީ އެފް ރިޕޯޓެއް. އެއްވެސް ނަތީޖާއެއް ސަރުކާރަށް ނުނެރެވުނު. ރައްޔިތުން ތިބީ މާޔޫސްކަމުގައި. މި ސަރުކާރު އޮތީ ފެއިލްވެފައި. މިއީ ފެއިލްޑް ސަރުކާރެއް" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ވެސް އޮތީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި އެގޮތުން ބައެއް މަޝްރޫއުތަކަށް ދެ ލައްކަ ރުފިޔާ ޖަހާފައި ވެސް އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ. މިއީ ކަނޑައެޅިގެން އޮޅުވާލުން ކަމަށާއި މިހާރު އޮތް ގޮތަށް ބަޖެޓު ފާސްކޮށްފިނަމަ ރައްޔިތުންނަށް އިތުރަށް ލިބޭނީ ނިކަމެތިކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން ވެސް ގައުމަށް އިތުރަށް ގެއްލުން ލިބޭނީ. އިގްތިސާދު އިތުރަށް ހަލާކުވުމުގެ އިތުރުން ރާއްޖެ އިތުރަށް ދަރަނިވެރިވެ ހަމަ ބަނގުރޫޓުގެ މަގަށް ރާއްޖެ މިސްރާބު ހިފާނީ" އޭނާ ވިދާޅުވި އެވެ.