Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

މޮޅެއް ނުލިބި ރާއްޖެ ކަޓައިފި

ސީޝެލްސްއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަޓައިފި އެވެ.

މިއީ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ފަހު މެޗު ކަމަށްވާއިރު، ރާއްޖެ މުބާރާތް ނިންމާލީ ދެ ޕޮއިންޓާ އެކު އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސްރީލަންކާއާ ބައްދަލުކޮށް 4-4 އިން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެފައެވެ. މިއީ 18 އަހަރުތެރޭ ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ

މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. އެގޮތުން ރާއްޖެއާ އެއްވަރުކޮށް ސީޝެލްސް އިން ވަނީ ފަސް ޕޮއިންޓާ އެކު ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އަނެއް ޖާގަ ލިބޭ ޓީމެއް އެނގޭނީ ސްރީލަންކާއާ ބަންގްލަދޭޝް ބައްދަލުކުރާ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ބަންގްލަދޭޝް އަށް ފައިނަލަށް ދެވޭނެ އެވެ.

ބޯ ވިއްސާރައިގެ ތެރެއިން ފެށި މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރާއްޖެ އަށް ވަނީ ލިބިގެން ގޮސްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ ނިހާނަށް ފުލުފުލުގައި ދެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފަ އެވެ.

ދެވަނަ ހާފްގައި އުމެއިރު ފޮނުވާލި ހިލޭޖެހުމެއް ސީޝެލްސްގެ ކީޕަރު ދިފާއުކުރިއިރު، ފޭދޫ އިއްބެ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސީޝެލްސްގެ ކީޕަރު ދިފާއުކުރުމުން ރީބައުންސްގައި އަސަދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑި މަތިން ބޭރަށެވެ.

ވިއްސާރައިގެ ސަބަބުން ދަނޑު ވަރަށް ބޮޑަށް ޗަކަވެފައި އޮތުމުން ދެ ޓީމަށް ވެސް އެކަށީގެންވާ ގޮތެއްގައި ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވިއިރު މެޗުގެ 76 ވަނަ މިނެޓްގައި ރެފްރީ ވަނީ ސީޝެލްސްގެ ޑިފެންޑަރު މާކު މަތިއޮޓަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ރާއްޖޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ސީޝެލްސް އިން މެޗުގެ ފަހު 15 މިނެޓް ފުރިހަމަ ކުރި ނަމަވެސް ރާއްޖެ އަށް މާބޮޑު ނުރައްކަލެއް އެޓީމުގެ ގޯލަށް ކުރެވިފައެއް ނުވެއެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބޯޅަ ނެތީސް ސީޝެލްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ރާއްޖޭގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ވެސް ރަތްކާޑު ދައްކާފައެވެ. އަޑުބަރޭ އަށް ރަތްކާޑު ދެއްކީ އޭނާ ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.