Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ދިވެހިންގެ ކިބައިން ގައުމީ ކޯޗު މައާފަށް އެދިއްޖެ

ފްރެންޗެސްކޯ މޮރިއޭރޯ - ފޮޓޯ: އެފްއޭއެމް

ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކެޓުމުން ދިވެހިންގެ ކިބައިން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މައާފަށް އެދިއްޖެ އެވެ.

މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސްރީލަންކާއާ ބައްދަލުކޮށް 4-4 އިން އެއްވަރުވެފައެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 2-1 އިން ރާއްޖެ ބަލިވިއިރު ފަހު މެޗުގައި މިއަދު ހަވީރު ސީޝެލްސްއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ ކޯޗު މޮރިއޭރޯ ބުނީ ދިވެހިންގެ ކިބައިން މައާފަށް އެދޭ ކަމަށާއި މި މުބާރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވާން ލިބުނު މުއްދަތާ އަޅާ ބަލާއިރު ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި މިއީ އަލުން މަސައްކަތް ފަށަންވީ ވަގުތު ކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

މުބާރާތަށް ތައްޔާރުވާން މޮރިއޭރޯ އަށް ލިބިފައިވަނީ ދެ ހަފްތާ އަށް ވުރެ ކުރު މުއްދަތެއް ކަމަށްވާއިރު އޭނާ ވަނީ މިއީ ކުރު މުއްދަތެއްގައި ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ރާއްޖެ ގޮސް ލީގުގައި ކުޅޭ ހުރިހާ ކްލަބެއްގެ ކުޅުން ބަލައި ގައުމީ ޓީމު މުޅިން އާކޮށްލަން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ފައިނަލަށް ރާއްޖެއާ އެއްވަރުކޮށްލައިގެން ޖުމްލަ ފަސް ޕޮއިންޓާ އެކު ސީޝެލްސް އިން ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. އަނެއް ޖާގަ ލިބޭ ޓީމެއް އެނގޭނީ ސްރީލަންކާއާ ބަންގްލަދޭޝް ބައްދަލުކުރާ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ބަންގްލަދޭޝް އަށް ފައިނަލަށް ދެވޭނެ އެވެ.