Last Updated: January 28, 17:12
Friday, January 28, 2022
ޚަބަރު

"ލާމަސީލް ޒުވާނާ" ކޭމްޕްގައި ބައިވެރިވާން އެދުމުގެ ފުރުސަތު ހުޅުވާލައިފި

‘ލާމަސީލު ޒުވާނާ ކޭމްޕް’ ހިންގުމަށް އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދީ އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އައްޑޫ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއިމެދު އެއްބަސްވެވޭ ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މިއަހަރު ބާއްވާ ލާމަސީލް ޒުވާނާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ބަޔަކަށް ހެދުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ކޭމްޕެކެވެ. މިއަހަރުގެ މި ކޭމްޕް ބޭއްވުމަށް ހަމަ ޖެހިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުގެ ޒުވާނުންނަށް އަމާޒުކޮށްގެނެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ މި ކޭމްޕް ކުރިއަށްދާނީ އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން މިފަހަރު މި ކޭމްޕެ ކުރިއަށްގެންދަން ރާވާފައިވަނީ ކޭމްޕުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ 130 ބައިވެރިޔަކަށް ފުރުޞަތު ދޭގޮތަށެވެ.
މިއީ ދެޖިންސުގެ ޒުވާނުންނަށް ހުޅުވައިލެވިގެން ކުރިއަށް ގެންދެވޭ ކޭމްޕެކެވެ.

" މި ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/sj8d7a7F1jpNbpV68 ލިންކުންނާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މާފަންނު އިޖުތިމާޢީ މަރުކަޒު، އައްޑޫ ސިޓީ ކައުންސިލް އިދާރާ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ތަކުންނާއި ދެކުނު އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެންބަރ 2021ގެ މެންދުރު 14:00އެވެ. މި ފޯމާއިއެކު އައިޑީ.ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުން އެދެމެވެ."

މިދިޔަ އަހަރު މި ކޭމްޕެ ކުރިއަށްގެންދިޔައީ ދ.ވާނީގަ އެވެ. މިއީ ޒުވާނުނަށް އިސްލާހްގެ މަގަށް ނެރުމަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.