Last Updated: January 28, 17:06
Friday, January 28, 2022
ޚަބަރު

ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަކުރުން: ތިން އަހަރު ވީއިރުވެސް ރައީސް ނުފުއްދެވި "ހުސް ވައުދެއް"!؟

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީން ފާސްކުރި ގަރާރުގައި އެއްްވެސް ބުރަދަނެތް ނެތް ކަމަށް އާއްމު ބައެއް މެމްބަރުން ދަނީ ބުނަމުން

ޝަރުއީ ދާއިރާ އިސްލާހްކުރުމުގެ ވާހަކަ އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ދެއްކިއިރު އެންމެ ބާރަށް ދެއްކި ވާހަކައަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) މިނިވަންކުރުމުގެ ވާހަކައެވެ. ސިޔާސީ ނުފޫޒުން އެތަން ސަލާމަތްކުރަން ޖެހޭ ވާހަކަ އެވެ.

ޖޭއެސްސީގެ ކޮމްޕޮސިޝަން ނުވަތަ އެ ކޮމިޝަން އެކުލެވިގެންވާ ގޮތައް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ހަމައާއެކު އިންސާފު ހޯދާދީ ޝަރުއީ ނިޒާމްގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީ ބަދަލު ކުރައްވުން ރައީސް ސޯލިހްގެ ރިޔާސީ ވައުދަކަށް ވެވަޑައިގެންނެވި އެވެ.

ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން މި ސަރުކާރަށް ތިން އަހަރުވީއިރުވެސް އެކަމުގައި އެއްވެސް އަމަލީ ސިފައެއް ގެންނަވަން މަސައްކަތް ކުރައްވާފައެއްނުވެ އެވެ، އިތުބާރު ގެއްލިފައިވާ ފަނޑިޔާރުން ބޭރުކޮށް ފަނޑިޔާރުގެ ތާހިރުކުރުމަށްފަހުވެސް ފެންނަނީ އެމްޑީޕީގެ "ތޫނު ވަކިތައް" ޖޭއެސްސީގައި ހިއްޕާލާފައިވާ ތަނެވެ.

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން:-އެތަން އޮތީ އަދިވެސް ސިޔާސީ ނުފޫޒު ފޯރުވޭ ގޮތައް

ރައްޔިތުންގެ މަޖިލިސް ހިތަކަށްލިބުމުންވެސް ސަރުކާރުން ވި ވައުދުގެ މަތިން މާބޮޑު ހަނދާނެއް ހުރިހެނެއް ތިން އަހަރުވީއިރުވެސް ހިޔެއްނުވެ އެވެ. ސަރުކާރަށް ތިން އަހަރުވީއިރު ނުފުއްދުނު ވައުދުތަކުގެ ތެރޭގައި ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލު ނުކުރުން އިދިކޮޅު ފަރާތްތަކުންވެސް ދަނީ ފާޑުކިޔަމުންނެވެ.

"ޖޭއެސްސީ މިއަދު އޭގެ ކޮމްޕޮސިޝަންއަށް ބަލައިފި ކަމަށްވަންޏާއި އޮތީ ސިޔާސީ ބަޔަކު ހިސޯރުކޮށްފައިކަން އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ޖޭއެސްސީގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ގާނޫނީ ވަކީލް ހިސާން ހުސެއިންނާއި މިހެން ގޮސް އެމްޑީޕީ ފިކުރަށް ނިސްބަތްވާ ބޭފުޅުންގެ ކޮންޓްރޯލްގަ އެވެ.

ޖޭއެސްސީއަށް ހިސާން އައްޔަން ކުރައްވައި، ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ހިސާންއާ ބައްދަލު ކުރައްވަނީ

ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސިޔާސީ ވަކި ފިކުރަކަށް ނުވަތަ އޭރު އޮންނަ ސަރުކާރަކަށް ކޮމިޝަނުގެ ބާރު ލިބެ އެވެ. ޖޭއެސްސީ އޮތް ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީން އެންމެ ބޮޑަަށް ވާހަކަ ދެއްކިއިރު އޭރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމިންގެ ފުލް ކޮންޓްރޯލް އެ ކޮމިޝަނުގައި އޮތެވެ. އެހެން ކަމުން އެ ބާރުތައް އަމިއްލަ ޕާޓީއަށް ލިބުމުން އެ ބާރުތައް ދޫކޮށްލައްވަން ބޭނުންފުޅުނުވީ އެހެން ބައެއްގެ އަތްމަތީ އެ ބާރުތައް އޮތުމުންކަމަށް ބުނުމުގެ ފުރުސަތު މިހާރު ލިބެ އެވެ.