Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

ސަރުކާރަށް ތިން އަހަރު: އާ ކަމެއް ކުރެވިއްޖެތަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިއަދު ތިން އަހަރުވީއިރު ކުރެވޭ އެއް ސުވާލަކީ އަލަށް އެެއްވެސް ކަމެއް ފެށިއްޖެތޯ ކުރެވޭ ސުވާލެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކޮށްލުމަށް ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގައި މިހާތަނަށް އައިރު އެއްވެސް ވަރަަކަށް ކުލަ ޖެހިއްޖެ ތޯ ކުރާ ސުވާލުވެސް ސަރުކާރުގެ ކުރިމަތީ އޮވެ އެވެ.

އެކަންކަމަށް އެކު ފަހަރު ރައީސުލް ޖުމްޙޫރިއްޔާ އާއި ވަޒީރުންނާއި ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަނީ ރައްދު ދެމުންނެވެ. އެގޮތުން މުޅިން އަލަށް ރާއްޖޭގައި ފެށި ބައެއްް ކަންކަން އެބަ ހުއްޓެވެ.

މިނިމަމްވޭޖް ކަނޑައެޅި ހިތްވަރުގަދަ ނިންމުން
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ މި ސަރުކާރުންނެވެ. 4000 ވެސް ހަމަނުވާ އެތައް މުވައްޒަފުންނެެއް ތިއްބާ ސަރުކާރުގައި ވަޒީފާ އަދާކުރާ މީހާއަށް ވެސް އެންމެ ކުޑަވެގެން 7000 ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ސަރުކާރުން ސިފަކުރާ ގޮތުގައި މިއީ ރައްޔިތުންނަށް ދިން ބޮޑު ހަދިޔާއެކެވެ.

" މިނިމަމް ވޭޖް ކަނޑައެޅުމުގައި، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަޙަތާއި، ޙައްޤުތަކަށް ސަރުކާރުން ވިސްނިން. އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު، ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް، މިނިމަމް ވޭޖް ކަނޑައަޅާފައި." ރައީސް ސޯލިހް ވިދާޅުވި އެވެ.

މިއީ ދިވެހި ތާރީޚުގައި، މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ. މީގެ ސަބަބުން، ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް މި ސިޔާސަތު ބާރުއަޅާނެ." ރައީސް ސޯލިހް މިދިޔަ ޖުމްހޫރީ ދުވަހު ވިދާޅުވެފައިވެ އެވެ.

ހިލޭ ޑިގްރީ އާއި ނާސްތާ
ރާއްޖޭގައި ހިލޭ ފުރަތަމަ ފަހަރަށް ޑިގްރީއަށް ކިޔެވޭނެ ގޮތް ހަމަ ޖައްސާފައިވަނީ މި ސަރުކާރުންނެވެ. ސަރުކާރުން މައުލޫމާތު ދޭ ގޮތުން 11000 ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުންވަނީ ފަހިކޮށްދީފަ އެވެ. އަދި އެހެންމެ ސްކޫލަށްދާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގުރާމް ފެށުމަކީ ސަރުކާރުން މުޅިން އަލަށް ފެށި ކަމެކެވެ.

އިންޓަނެޓް އަގުހެޔޮ ކުރުން

އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުންވެފައިވާ ވައުދާ އެއްގޮތައް ސަރުކާރުން ވަނީ އިންޓަރނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފަ އެވެ.
އިންޓަނެޓް ސްޕީޑަށާއި އަގަށް ގެނައި ބަދަލު
ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް

މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ބައެއް ނިންމުންތައް
ސަރުކާރުން ވަނީ މަސްވެރިންނަށް ލުއި ފަސޭހަކަން ހޯދާދިނުމުގެ ގޮތުން ޑީސަލް އިމްޕޯޓް ޑިއުޓީ ދޯނި ބަނުމަށް ބޭނުންވާ ސާމާނުގެ ޑިއުޓީ ސުން ޕަސަންޓަށް ފުރަތަމަފަހަރަށް ސަރުކާރުންވަނީ ހަދާފަ އެވެ. ދޯނި ބަނުމަށް ބޭނުންވާ ސާމާނުގެ ތެރޭގައި ފައިބަރ، ރެސިން، އިންޖީނު، ނެވިގޭޝަން އިުކުއިޕްމަންޓް ފަދަ ތަކެތި ހިމެނެ އެވެ.


މީގެ އިތުރުން މަސް ގަނެވޭނެ އެންމެ ދަށް އަގު މައްޗަށް އުފުލި އެވެ. މަސް ކިރާ ފަރާތްތަކުގެ އަތުން މަސް ގަންނަންޖެހޭ އެންމެ ދަށް އަގު ކުރިއަށްވުރެ ވަނީ މަތިކޮށްފަ އެވެ. އެގޮތުން ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި، 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއެއް 13 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކަޅުބިލަ މަހާއި ރީދޫ އުރަހަ ކަންނެލި، 1.5 ކިލޯ އިން ދަށުގެ މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ކަޅުބިލަމަހުގެ ބާޒާރު ފުޅާކުރުމަށް، މަސް ގަތުމުގެ ފުރުޞަތު ހުޅުވައިލުމުގެ އިތުރަށް ޒަމާނުއްސުރެ އޮތް އެކްސްުކްލޫސިވިޓީ އުވައިލާފަ އެވެ. ހަމަ އެހެންމެ ލޭނު މަސްވެރިކަން ޤާނޫނަކުން ފުރަތަމަ ފަހަަރަށް ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ދަނޑުވެރިންއަތުން ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އާ ކަންތައްތަކެއް
ދަނޑުވެރިން ހައްދާތަކެތި ބާޒާރުގައި ވިއްކޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ އެގްރޯނެޓް ކިޔާ ކުންފުންޏެއް އުފައްދައި ދަނޑުވެރިންނާއެކު އެއްބަސްވުންތަކަށް އައިސްފަ އެވެ. ސަރުކާރުން މައުލޫމާތު ދޭ ގޮތުން 2020 އޮގަސްޓުން ފެށިގެން މިހާތަނަށް 29 ރަށަކުން 587 ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ފާމިންގ އެގްރީމެންޓް ކުރެވި، 176 ދަނޑުވެރިއަުކު ދަނޑުހެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ކޮންޓްރެކްޓް ފާމިންގ މަޝްރޫޢުގެ ދަށުން 115 ފަރާތަކަށް މަސައްކަތް ފެށުމަށް ބޭނުންވާ ސްޓާޓަރ ޕެކް ހަވާލުުކުރެވިފައިވެ އެވެ.

ކަރަންޓަށް ނަގާ އަގުގެ ފަރަޤުތައް ނައްތައިލުން
ކަރަންޓަށް ނަގާ އަގުގެ ފަރަޤުތައް ނައްތައިލުމަށް ޑޮމެސްޓިުކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަުކަށް ރަށްރަށުން ނަގާ އަގުގެ ފަރަޤު ވަނީ ނައްތާލާފަ އެވެ. އަދި އަތޮޅުތަކުގެ ބިޒްނަސް ކެކެޓަގަރީގެ ބޭންޑުތަުކުގެ އަގުގެ ތަފާތުތައް، ވެސް އެއްހަމަ
އަށްވަނީ ގެނެސްފަ އެވެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތްވެގެން ގޮސްފައިވެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބޭންކެއް

 

  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން ވަނީ އެސްއެމްއީ ނަމުގައި ބޭންކެއ އުފައްދާ ލޯނު ދޫކުރަން ފަށާފަ އެވެ. މިއީ ރާއްޖޭގައި މިގޮތައް ހުޅުވި ބޭންކެވެ. މި ބޭންކު މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މިހާތަނަށް ގިނަ ލޯނުތަކެއް ދޫކޮށްފައިވެ އެވެ.

 

މިއަދު ސަރުކާރަށް ތިން އަހަރުވީއިރު ސަރުކާރަށް ނުވިކަންކަމުގެ ވާހަކަދައްކާއިރު ސަރުކާރަށްވީ ކަންކަމުގެ ތެރޭގައި މިއީވެސް މިއަދު ދައްކާނެ ވާހަކަތަކެވެ.