Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ގިނަ ކަންތަކެއް ކޮށްދީފި، ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ މި ޕާރޓީވެރިކަމާ: އެމްޑީޕީ

މި ސަރުކާރުގެ ފާއިތުވި ތިން އަހަރު ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަމަށާއި ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ އެ ޕާރޓީގެ ވެރިކަމާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރުވުމުން މިއަފު އެމްޑީޕީން ނެރުނު ބަޔާނުގައި ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ވަނީ ނިމުމަކަށް ގެނެސްފައިކަމަށް ބުނެފައިވެ އެވެ. އަދި ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޖުޑިޝަރީ އިސްލާޙުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ފާހަގަކުރަމެވެ. މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަޤާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވެއެވެ. ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެންނަވާފައިވެއެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނެފައިވަނީ މި ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަމަށެވެ.

"ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް މި ޕާރޓީން މަރުޙަބާ ދަންނަވަމެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ޙާޞިލުކުރައްވަމުން ގެންދަވާނޭކަމުގައި ޔަޤީންކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.