Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

7.7 ބިލިއަން ރުފިޔާ ޗާޕް ކުރަން އުޅޭކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑްކޮށް އޮޅުވާލައިގެން 7.7 ބިލިއަން ރުފިޔާ ޗާޕް ކުރަން އުޅޭކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިކަމަކީ އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތުން ގައުމުގެ އިގްތިސާދަށް ގެއްލުންދެނިވި ގޮތަކަށް އަދި ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނެތް ގޮތަކަށް މިހާ ގިނަ ޢަދަދެއްގެ ފައިސާ ޗާޕުނުކުރުމަށް ގޮވާލާ ކަމަށެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޖެޓުގެ އިތުރަށް ޚަރަދު ކުރެވޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެކެއް އިންސައްތަ ކަމަށްވިޔަސް މިމާއްދާތައް ސަސްޕެންޑް ކޮށްގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރުވެސް މިފައިސާ ނުދެއްކި ދަރަނީގެ ގޮތުގައި އަދިވެސް އެބައޮތް. ނަމަވެސް ޤާނޫނުގައި ވަނީ މަރުކަޒީ ބޭންކުން ނަގާ ފައިސާ 91 ދުވަހުގެ ތެރޭގައި ދައްކާ ނިންމަންޖެހޭ ކަމަށް" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ މިހާ ގިނަ ފައިސާ ބޭނުންކޮށްފައިވަނީ ކޮންކަމަކަށްކަން ރައްޔިތުންނަށް އެނގެން ނެތް ކަމަށާއި އަދި އަންނަ އަހަރު ދައުލަތުގެ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް އަރައިގެންދާއިރު ގަވަރނަރގެ ހުއްދަ ނެތި މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވައިގެން މިހާ ގިނަ ޢަދަދެއްގެ ފައިސާ އަނެއްކާވެސް ޗާޕުކުރުމަކީ އޭގެ ސަބަބުން މިހާރު އުފުލުފައިވާ ތަކެތީގެ އަގު އަނެއްކާވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރިވަރަށްވުރެވެސް މައްޗަށް އަތްނުފޯރާފަށަށް ދާނެ ކަމެއް ކަމަށެވެ.

"ކޯވިޑް 19އާއި ގުޅިގެން ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މޮރެޓޯރިއަމްގެ މުއްދަތު ނިމި އިންކަމް ސަޕޯޓު ދިނުން ހުއްޓާލާފައިވާއިރު މިހާ ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ ކުދި ވިޔަފާރިތައް އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ކަމެއް. މިކަންކަން މަޖިލީހުގެ ތެރެއިން ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ޕާޓީގެ އަޑު ކަނޑުވާލުމަށްފަހު ކަމުގައި ހިތާމައާއެކު ފާހަގަކުރަން" އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ވަނީ ބަޖެޓް މެނޭޖް ކުރުމަށްޓަކައި ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް މަޖިލީހުގެ މެންބަރުންނާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަ ކުރުމަށާއި ސިޔާސީ މަގާމްތައް މަދުކުރުމަށާއި ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ގޮވާލާފައެވެ. އަދި ދަރީންގެ ދަރީންގެ ބޮލުގައި ބޮޑެތި ޢަދަދުތަކުން ދަރަނި އެޅޭފަދަ ގޮތަކަށް، ސަރުކާރުގެ ވެރިންނާއި އެމީހުންގެ ރައްޓެހިންނަށް ބަދަލުގެ ގޮތުގައި ދިނުމަށާއި އަދި ކޮރަޕްޝަން ހިންގުމަށް ފައިސާ ޗާޕުނުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.